ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތް އަންނަ އަހަރު ނިމޭއިރު އެ ރަށުގައި ސީޕްލޭން ޓާމިނަލެއް އަޅައި ސީޕްލޭން ހިދުމަތް ދޭން ތައްޔާރުވަމުން އަންނަ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލްގެ މާލީ ހާލަތު ރަނގަޅުކުރުމަށް ރާވާފައިވާ ކަންތައްތަކާއި، ކުންފުނިން ނަގާފައިވާ ލޯނުތަކުގެ މައުލޫމާތު ހިއްސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީގެ ސަބް-ކޮމިޓީގެ ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ، ޑޮމެސްޓިކް އެއާޕޯޓުތައް ހިންގަނީ ވަަރަށްބޮޑު ގެއްލުމުގައި ކަމަށެވެ. ނަމަވެސް ހަނިމާދޫގައި އިންޓަނޭޝަނަަލް އެއާޕޯޓެއް ގާއިމު ވެގެންދާ އިރު، އެތަނުން ފައިދާ ހޯދުމުގެ ފުރުސަތު އެބައޮތް ކަަމަށްވެސް ވިދާޅުވިއެވެ.
އެގޮތުން 20 އެއާޕޯޓަކަށް މިހާރުވެސް 450 މިލިއަން ރުފިޔާ ސަބްސިޑީގެ ގޮތުގައި ހަރަދު ކުރަންޖެހޭ ކަމަށާއި ކުރިއަށް އޮތްތަނުގައި އެއާޕޯޓުތައް އިތުރުވެެގެންދާ އިރު، އެ އަދަދު 748 މިލިއަނަށް އަރާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް އެކަން ކުރެވޭނީ އެ ސަރަހައްދުގެ ޓޫރިސްޓް އެނދުތަކަށް ރީޗް ވެގެން ކަމަށާއި، އެ ރަށުގައި ސީޕްލޭންގެ ހިދުމަތް ފަށަން ހަމަޖެއްސީ އެގޮތުގެ މަތިން ކަމަށްވެސް ވިދާޅުވިއެވެ.
"ހަގީގަތުގައި ރާއްޖޭގައި އިންޓަނޭޝަނަލް އެއާޕޯޓެއް ފީޒިބަލްވާނީ ކައިރީގައި އޮންނަ ބެޑްތަކަށް އެކްސެސެވެގެން. އެހެންވީމަ، 180 ކިލޯމީޓަރުގެ ރޭޑިއަސްގައި، ހަނިމާދޫ އެއާޕޯޓަށް ޖައްސާ މަތިންދާބޯޓުތަކުން އަންނަ ފަސިންޖަރުންނަށް މި ދެންނެވި ރޭޑިއަސްގައި ހުރި ރިސޯޓުތަކަށް، ޕްރޮޕަޓީސްތަކަށް ދެވެންޏާ ހަނިމާދޫ ފީޒިބަލްވާނެ،" އޭނާ ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އެ އެއާޕޯޓް ހުޅުވެން ވާއިރަށް ސީޕްލޭން ޓާމިނަލް ނުހުޅުވުނަސް އެއާޕޯޓު ހުޅުވުމާއެކު ސީޕްލޭން ކުޑަ ޓާމިނަލެއް ހަދައި ހިދުމަތް ފަށަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
ހަނިމާދޫ އެއާޕޯޓް ހުޅުވުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޖައްސާ ބައެއް ނެރޯ ބޮޑީ ފުލައިޓުތައް ހަނިމާދުއަށް މޫވްކުރެވޭނެ ކަމަށާއި ހަނިމާދޫ އެއާޕޯޓަށް ޓާގެޓް ކުރަނީ ކުދި ބޯޓުތައް ޖެއްސުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު