ވިޔަފާރި ދަށްވެ ހުޅުމާލޭގެ ކޭއެފްސީ އެހެން ސަރަހައްދަކަށް ބަދަލުކުރަން ނިންމައިފިއެވެ.

ހުޅުމާލޭގައި މިހާރު ހުރި ކޭއެފްސީ އެހެން ސަރަހައްދަކަށް ބަދަލުކުރުމަށް ވަނީ ވަގުތީ ގޮތުން އެތަން ބަންދުކޮށްފައެވެ.

ކޭއެފްސީ އިން މިއަދު "ވަން" އަށް ބުނީ މިހާރު ހުޅުމާލޭގައި ކޭއެފްސީ ހުރި ތަނަކީ ވިޔަފާރިއަށް މާ ބޮޑު ކުރިއެރުމެއް ލިބޭ ތަނެއް ނޫން ކަމަށާއި އެހެންވެ ހުޅުމާލޭގެ ވިޔަފާރި ރަނގަޅު ހިސާބަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް އެއީ ހުޅުމާލޭގެ ކޮން ހިސާބަކަށް ކަމެއް ހާމައެއް ނުކުރެއެވެ.

ކޭއެފްސީގެ އިތުރުން ޕިއްޒާ ހަޓްގެ ހުޅުމާލޭގެ އައުޓްލެޓް ވެސް ވަނީ ބަންދުކޮށްފައެވެ. ނަމަވެސް އެތަން ބަންދުކޮށްފައިވާ ސަބަބެއް ސާފެއް ނޫނެވެ.

ކޭއެފްސީގެ އާއި ޕިއްޒާ ހަޓް ބަންދުކޮށްފައިވާ އިރު، ފަލަސްތީނުގެ ގާޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަކާ ދެކޮޅު ހަދައި، އިޒްރޭލާ ގުޅުން އޮންނަ ވިޔަފާރިތައް ބޮއިކޮޓްކުރުމަށް ދުނިޔޭގެ ގިނަ ގައުމުތަކުގައި ވަނީ ކެންޕޭނުތައް ފަށައިފައެވެ. އެ ވިޔަފާރިތަކުގެ ތެރޭގައި ކޭއެފްސީ އާއި ޕިއްޒާ ހަޓް އަދި ކޮކާކޯލާ ކުންފުނިވެސް ހިމެނެއެވެ.

ނަމަވެސް ކޭއެފްސީން ބުނެފައިވަނީ އެ ކުންފުނިން އިޒްރޭލަށް ތާއީދު ނުކުރާ ކަމަށެވެ. އަދި އެއީ ސިޔާސީ އެއްވެސް ކަމަކާ ގުޅިގެން ކުރާ ވިޔަފާރި އެއް ނޫން ކަމަށެވެ.

މިކަންމަކާ ގުޅިގެން މާލޭގައި ހުޅުވި ކޭއެފްސީ އައުޓްލެޓަށް މިދިޔަ 2023 ނޮވެމްބަރު މަހު 11 ގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު އެ ތަންތަނަށް ވަދެ ވަނީ ކަޅުތެޔޮ ޖަހައި، އެ ވިޔަފާރިތައް ރާއްޖޭގައި ހުއްޓާލުމަށް ވަނީ އިނޒާރުދީފައެވެ. ކޭއެފްސީގެ ބިއްލޫރިގަނޑު އެންމެ ފުރަތަމަ ތަޅާލީ މިދިޔަ އަހަރުގެ ޖުލައި 16 ވަނަ ދުވަހުގެ މެންދަމުގެ ވަގުތެއްގައެވެ. ދެވަނަ ފަހަރަށް އެތަނުގެ ބިއްލޫރިގަނޑު ތަޅާލީ 2023 ޖުލައި 20 ވަނަ ދުވަހުގެ ފަތިހު ވަގުތެއްގައެވެ.