އިންފޮމޭޝަން ކޮމިޝަނަރު (އައިކޮމް) އިން ބޭއްވި އަޑުއެހުމަށް އެ މިނިސްޓްރީން ހާޒިރުނުވެވުނީ މުވައްޒަފެއްގެ އިހުމާލުން ކަމަށާއި އެ މުވައްޒަފާމެދު ފިޔަވަޅު އެޅުމުގެ ކަންކަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ މިނިސްޓްރީގެ މަސައްކަތްތައް ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީ ކުރެވޭނެ ގޮތެއްގެ މަތިން ކުރިއަަށް ގެންދިއުމަށްޓަކައި މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން ހުށަހަޅާ ހުށަހެޅުންތަކަށް ކަނޑައެޅިފައިވާ މުއްދަތުގައި ޖަވާބު ދިނުމަށް ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށެވެ.
"7 ނޮވެމްބަރު 2024 ގައި އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ފަރާތުން މި މިނިސްޓްރީ ޖޫރިމަނާ ކުރިކުރުމަކީ މި މިނިސްޓްރީގެ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއްކަމާއި އެހެންކަމުން އެ މުވައްޒަފާ ދޭތެރޭގައި ސިވިލް ސާވިސް ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ ކަންކަން ކުރިއަށް ގެންދެވިފައިވާ ވާހަކަ ދަންނަވަމެވެ،" ހައުސިން މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާގުޅޭ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށެވެ.
ހައުސިން މިނިސްޓްރީގެ ފަރާތުން އެދިފައިވާ މައުލޫމާތެއް ނުދިން މައްސަލައިގައި މި މަހުގެ ހަތްވަނަ ދުވަހު އައިކޮމް އިން ބޭއްވި އަޑުއެހުމަށް ހައުސިން މިނިސްޓްރީން ހާޒިރުވެފައިނުވާތީ އަދި ގަވާއިދާ އެއްގޮތަށް އަޑުއެހުމަށް ހާޒިރުނުވި ސަބަބު ހައުސިން މިނިސްޓްރީން އަންގާފައި ނުވުމުން އެ މިނިސްޓްރީ ވަނީ 350 ރުފިޔާ އިން ޖޫރިމަނާކޮށްފައެވެ.
މިއީ އަޑުއެހުމަށް ހާޒިރުނުވި މައްސަލައަކާ ގުޅިގެން އެފަދަ ފިޔަވަޅެއް އައިކޮމް އިން އެޅި ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު