އިންފޮމޭޝަން ކޮމިޝަނަރުގެ ބޭއްވި އަޑުއެހުމަށް ހައުސިން މިނިސްޓްރީން ހާޒިރުނުވުމުން، އެ މިނިސްޓްރީ 350 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
އައިކޮމްއިން މިއަދު ބުނީ އާންމުންގެ ފަރާތަކުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހައުސިން މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށެވެ. އެ ހުށަހެޅުމަށް ހައުސިން މިނިސްޓްރީން ޖަވާބު ނުދިނުމުން، އެ މައްސަލަ އައިކޮމްއަށް ހުށަހަޅައިފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މިމަމަހުގެ ހަތްވަނަ ދުވަހަށް އަޑުއެހުމެއް ތާވަލުކޮށް، އެކަން ހައުސިން މިނިސްޓްރީއަށް އަންގާފައިވީ ނަމަވެސް އަޑުއެހުމަށް ހައުސިން މިނިސްޓްރީން ހާޒިރުވެފައިނުވާ ކަމަށް އައިކޮމްއިން ބުންޏެވެ.
އަޑުއެހުންތަކަށް ހާޒިރުވުމަށް އަންގާ އެންގުންތަކަށް މަގުބޫލު ސަބަބެއް މެދުވެރިވެގެން ހާޒިރުވެވެން ނެތް ނަމަ، ބައްދަލުވުން ފެށުމަށް ކަނޑައަޅާފައިވާ ގަޑީގެ މަދުވެގެން އެއް ގަޑިއިރުގެ ކުރިން އެކަން އަންގަން ވާނެ ކަމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާނެ ކަމަށް އައިކޮމްއިން ބުންޏެވެ.
ނަމަވެސް ގަވާއިދާ އެއްގޮތަށް އަޑުއެހުމަށް ހާޒިރުނުވި ސަބަބު ހައުސިން މިނިސްޓްރީން އަންގާފައި ނުވުމުން، އެ މިނިސްޓްރީ 350 ރުފިޔާއިން ޖޫރިމަނާ ކުރީ ކަމަށް އައިކޮމްއިން ބުންޏެވެ.
މިއީ އަޑުއެހުމަށް ހާޒިރުނުވި މައްސަލައަކާ ގުޅިގެން އެފަދަ ފިޔަވަޅެއް އައިކޮމްއިން އެޅި ފުރަތަމަ ފަހަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު