އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަށް 77 މެންބަރުން ވާހަކަދެއްކުމަށްފަހު ބަޖެޓް ބަހުސް ނިންމާލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން މިރޭގެ 9:15 އެހާކަންހާއިރަށް ބަޖެޓް ބަހުސަށް ކުރިއަށްގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވައިލައްވަމުން މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ، ބަޖެޓް ބަހުސްގައި 77 މެންބަރުން ވާހަކަ ދައްކަވާފައިވާ ކަމަށާއި، 14 ގަޑިއިރާއި 17 މިނެޓް މެންބަރުން ބަހުސްގައި ހޭދަކުރައްވާފައިވާ ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ މިދިޔަ އޮކްޓޫބަރު މަހުގެ 31 ގައެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެ ދުވަހު މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމުން ދިރާސާކުރުމަށް މަޖިލީހުގެ ރައީސް ވަނީ ބަޖެޓް ކޮމިޓީއަށް ބަޖެޓް ފޮނުވާލައިފައެވެ.
ނަމަވެސް މަޖިލީހުގެ އާއްމު ކޮމިޓީން ނިންމި ގޮތަށް ކޮންމެ މެންބަރަކަށް 15 މިނެޓުގެ ފުރުސަތެއް ދީގެން މަޖިލިސް ތަޅުމުގައި ބަޖެޓް ބަހުސް ފެށީ މިމަހުގެ 12 ވަނަ ދުވަހުއެވެ.
ވަކި ޖަލްސާތަކުގެ ގޮތުގައި، މިމަހުގެ 12 ވަނަ ދުވަހާއި 13 ވަނަ ދުވަހުގެ ރޭގެ 11:00 އާ ހަމައަށް ބަޖެޓް ބަހުސް ކުރިއަށް ގެންދިއުމަށްފަހު، ބުރާސްފަތި ދުވަހުން ފެށިހެން މިރޭގެ ނިޔަލަށް ބަހުސް ކުރިއަށް ގެންދިޔައީ އެއް ޖަލްސާގެ ގޮތުގައެވެ. އެއީ އެ ދުވަހަކަށް ކަނޑައަޅާފައިވާ ވަގުތު ނިމުމުން ޖަލްސާގެ އެ ދަންފަޅީގެ މަސައްކަތް މެދުކަނޑާލުމަށްފަހު، ޖެހިގެން އަންނަ ދުވަހު އަނެއް ދަންފަޅި ފަށާ ގޮތަށެެވެ. ނަމަވެސް މިއަދު ބަހުސް ނިންމުމަށްޓަކައި މިރޭގެ 9:15 އާ ހަމައަށް ވަގުތު ވަނީ ދަންމާލައިފައެވެ.
މަޖިލިސް ގަވާއިދު ބުނާގޮތުން ދެން މަޖިލިސް ތަޅުމުގައި ކުރިއަށްދާނީ ކޮމިޓީން ބަޖެޓް ދިރާސާ ކުރުމަށްފަހު، އެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރުމެވެ. އެއީ ކޮމިޓީން ބަޖެޓް ދިރާސާކޮށް މަޖިލިސް ތަޅުމަށް ހުށަހެޅުމުންނެވެ.
އާއްމު ކޮމިޓީން ނިންމާފައިވަނީ، ކޮމިޓީ ރިޕޯޓަށް ބަހުސްކުރާ މަރުހަލާގައި ކޮންމެ މެންބަރަކަށް ހަތް މިނެޓުގެ އެއް ފުރުސަތު ދިނުމަށެވެ.
ބަޖެޓް ކޮމިޓީން ކަނޑައަޅާފައިވަނީ މާދަމާގެ ނިޔަލަށް ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް ނިންމައި، ކޮމިޓީ ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމަށެވެ.
މުޅި ބަޖެޓް ފާސްކުރަން މަޖިލިސް ތަޅުމުގައި ވޯޓަށް އަހާނީ އެ ރިޕޯޓަށް ބަހުސް ކުރުމަށްފަހު، ބަޖެޓަށް އިސްލާހު ގެންނަން މެންބަރުންނަށް ފުރުސަތު ދެއްވުމަށްފަހު، މެންބަރުން ބަޖެޓަށް ހުށަހަޅާ އިސްލާހުތަކުގެ ތެރެއިން ފާސްވާ އިސްލާހުތަކާއެކުގައެވެ.
މަޖިލީހަށް ބަޖެޓް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު މޫޒާ ޒަމީރު ވިދާޅުވީ އަންނަ އަހަރުގެ ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ ކަމަށާއި އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާ އާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ ކަމަށެވެ.
މީގެ އިތުރުން ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާ އާއި ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އާއި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ ވެސް ބަޖެޓުގައި ހިމަނާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމަށް އެދެވޭ ހައްލެއް ހޯދައިދީ، ދިވެހި އާބާދީގެ ބޮޑު ބަޔަކީ ގެދޮރުވެރި ބަޔަކަށް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ ބޮޑު އެއް ތަސައްވުރު ކަމަށެވެ. އެގޮތުން ފަސް ޕަސެންޓް އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯން ދޫކުރުމަށް އެއް ބިލިއަން ރުފިޔާ ހިމަނާފައިވާ އިރު، މި ފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން ދެ ބިލިއަން ރުފިޔާގެ ހައުސިން ލޯން ދެވޭނެ މަގު ވެސް ފަހިވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މީގެ އިތުރުން 1.8 ބިލިއަން ރުފިޔާގެ ޖާގަ ގެދޮރުވެރިކަމުގެ އާ ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވާނެ. އެހެންކަމުން 2025 ވަނަ އަހަރަށް ފާސްކުރަން އަޅުގަނޑު ތިޔަ އިއްޒަތްތެރި މަޖިލީހަށް ހުށަހަޅާ މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެއް އަހަރު ދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ހާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓު،" ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓުގައި ސިއްހީ ނިޒާމަށް ބޭނުންވާ މުހިންމު މަޝްރޫއުތަކެއް ހިމަނާފައިވާނެ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓްގައި ކެންސަރުގެ ފަރުވާއަށް ހާއްސަ ހޮސްޕިޓަލަކާއި މެންޓަލް ހެލްތު ހޮސްޕިޓަލެއް ގާއިމުކުރުން ހިމެނޭ ކަމަށެވެ. އަދި އަންހެނުންނާއި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލެއް އަދި ތެލަސީމިއާ ކުދިންނަށް ހާއްސަ ހޮސްޕިޓަލެއްގެ އިތުރުން ހުޅުމާލެ ހޮސްޕިޓަލް 15 ބުރިއަށް ހެދުމަށް ވެސް ބަޖެޓްގައި ހިމަނާފައިވެއެވެ. އަދި އެކި ރަށްރަށުގައި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލުތަކުން ލިބޭ ހިދުމަތްތައް ފުޅާކުރުމާ އެކު އެތަންތަން ތަރައްގީ ކުރުމަށްވެސް މި ބަޖެޓުގައި އިސްކަންދީފައިވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުންނަށް ދެވޭ އެހީ އާއި ސަބްސިޑީއަކީ އެންމެ ބޭނުންޖެހިފައިވާ މީހާ ދެނެގަނެ، އެންމެ އިންސާފުވެރިކަމާ އެކު ދެވޭ އެހީތަކަކަށް ހެދުމަކީ މުޅި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅެއް. އެގޮތުން، އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކަށް މިހާރު ދެމުންދާ ސަބްސިޑީތަކުގެ ބަދަލުގައި، އެންމެ ބޭނުން ޖެހިފައިވާ ދިވެހިރައްޔިތުން ދެނެގަނެ، ސީދާ އެ ރައްޔިތުމީހާގެ ޖީބަށް ސަބްސީޑީ ލިބޭގޮތަށް ނިޒާމު ބަދަލުކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ބަޖެޓުގައި ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން މިހާތަނަށް ޕޭ ހާމަނައިޒްކޮށްފައިނުވާ ހުރިހާ މުވައްޒަފުންނާއި ޖުޑީޝަރީގެ މުވައްޒަފުންގެ މުސާރަތަކަށް ބަދަލު ގެނެސް ހާމަނައިޒް ކުރަން 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. އަދި އެނޫން އެހެން ހުރިހާ މުވައްޒަފުންގެ މުސާރަތަކަށް 2026 ވަނަ އަހަރު ބަދަލު ގެނައުމަށް ރާވާފައިވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓް ވަނީ 9.4 ބިލިއަން ރުފިޔާއިން ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 7.8 ޕަސެންޓު ކަމަށެވެ. އަދި ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓަކީ 3.8 ބިލިއަން ރުފިޔާ ކަމަށާއި މިއީ ޖީޑީޕީގެ ނިސްބަތުން 3.2 ޕަސެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު