ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޓޫރިޒަމް ޑިވެލޮޕްމަންޓް އެޑްވައިޒަރު މުހައްމަދު ހަލީލް، އިކޮނޮމިކް ކައުންސިލަށް އައްޔަންކުރައްވައިފިއެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި ހަލީލް، އިކޮނޮމިކް ކައުންސިލަށް އައްޔަންކުރައްވަން ނިންމާފައިވަނީ މިއަދުއެވެ.

ހަލީލް އިކޮނޮމިކް ކައުންސިލަށް އައްޔަންކުރައްވާފައިވާ އިރު، އޭނާގެ ހިއްސާ އޮންނަ ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް އިން ވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލި ބޭރު ފައިސާއާ ބެހޭ އާ ގަވާއިދަށް ދެކޮޅު ހަދައިފައެވެ.

އެމްއެމްއޭގެ އާ ގަވާއިދުގެ ދަށުން ޓޫރިޒަމްގެ ވިޔަފާރިތަކުން ކޮންމެ ފަތުރުވެރިއެއްގެ އަތުން 500 ޑޮލަރުގެ މަގުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހެއެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ގިނަ ރިސޯޓުތަކަކުން ދަނީ އެ ގަވާއިދަށް އަމަލުކުރުމަށް ދެކޮޅު ހަދަމުންނެވެ.

ރިސޯޓު ހިންގާ ފަރާތްތަކުން އެ ގަވާއިދަށް އަމަލުކުރުމަށް ދެކޮޅު ހެދި ނަމަވެސް، ސަރުކާރުގެ ހަފުތާ 52 ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގަވާއިދު ބަދަލު ނުކުރައްވާނެ ކަމަށާއި ގަވާއިދަށް ތަބާވާން ޖެހޭނެ ކަމަށެވެ. އަދި ގަވާއިދުގެ ދަށުން ޓޫރިޒަމް އިންޑަސްޓްރީން މާރުކުރަން ޖެހޭނީ ޖުމުލަކޮށް އާމްދަނީގެ 20 ޕަސަންޓު އެކަނި ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ގަވާއިދު ބަދަލުކުރާކަށް ނެތިން، ނުކުރާނަން ބަދަލެއް. ވަރަށް ސާފުކޮށް މި ދަންނަވަނީ، ގަވާއިދެއް ބަދަލެއް ނުކުރާނަމޭ. 500 ޑޮލަރު މާރުކުރަން ޖެހިވަޑައިގަންނަވާނެއޭ. ގަވާއިދަށް ތަބާވުމަކީ އެންމެންގެ މައްޗަށް ލާޒިމުކަމެކޭ. މިކަން ކުރައްވަން ޖެހިވަޑައިގަންނަވާނެއޭ. މިއީ ގާނޫނުއަސާސީއާ އެއްގޮތަށް ކުރާ ކަމެއް، ގާނޫނުތަކާ އެއްގޮތަށް ކުރާ ކަމެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެކަން އިތުރަށް ތަންފީޒުކުރަން އެހީތެރިކަން ދިނުމަށް، އެމްއެމްއޭއަށް ފަސޭހަކޮށްދިނުމަށް އެކަމަށް ހާއްސަ ފޮރެކްސް ގާނޫނެއް ވެސް މަޖިލިސް ތެރެއިން ފާސްކޮށްދެއްވާނެ ކަމަށާއި މި ސަރުކާރު އޮންނާނީ 100 ޕަސަންޓް ރައްޔިތުންނާ އެކީގައި ކަމަށެވެ.