ރައްޔިތުންގެ މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހަސަން ޒިޔާއު، އެ މަގާމުން ވަކިކުރި މައްސަލަ ބެލުމަށްޓަކައި ބޭއްވި ކޮމިޓީ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

އެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ އާއްމު ކޮމިޓީއަށެވެ.

އެ މައްސަލަ ބެލުމަށް މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުން ސިއްރުކުރަން ހުށަހެޅުއްވީ، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. ތާއީދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސެއިން އިމްރާން ލަތީފެވެެ.

އެއަށްފަހު ކޮމިޓީ ސިއްރު ކުރަން ފާސްކުރިއެވެ.

ޒިޔާއު މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ވަކިކުރީ މިދިޔަ މަހުގެ 21 ގައެވެ. އޭނާ މަގާމުން ވަކިކޮށްފައިވަނީ ޕާލިމަންޓްރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށް ބުނެއެވެ.

އެކަމާ ގުޅިގެން ޒިޔާއު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، އޭނާ ހުންނެވި މަގާމަކީ ސިޔާސީ މަގާމަކަށް ނުވާ އިރު، ނޯޓިސް ދިނުމަކާ ނުލައި އަވަސް އަރުވާލައިގެން އޭނާ ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސާވިސްގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

"....ޕާލަމެންޓަރީ ސާވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ހިލާފުވި ކަމަށްބުނެ ވަކިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން، ހާއްސަކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ރަޝީދާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރު ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް އަޅުގަނޑު ވާހަކަ ދައްކާފައިވާތީ، ޒާތީ ހަސަދަވެރިކަން ފިލުވުމަށް ކަމަށް ދެކެމެވެ. އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއިކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ދެކެމެވެ.،" ޒިޔާއުގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.

އޭނާ ވިދާޅުވީ، ޕާލަމެންޓަރީ ސާވިސް ގަވާއިދާ ހިލާފަށް ރާވައިގެން އޭނާ ވަޒީފާ އިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެ ކަމަށެވެ.