"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލެ ދެވަނަ ފޭސްގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތައް ނިންމުމަށް އިތުރު 30 މިލިއަން ޑޮލަރު ބޭނުންވިޔަސް، އަންނަ މަހު ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ކަމަށް އެ ފްލެޓްތަކުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުންފުނި، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހަދަމުން އަންނަ ފްލެޓްތައް ހަދަން ހަވާލުކޮށްފައިވަނީ ހުރިހާ ކަމެއް ނިމޭ ގޮތަށް ނޫން ކަމަށާއި އޭގެ ތެރޭގައި ކަރަންޓާއި ފެނުގެ ހިދުމަތް ގުޅުމަށާއި އެތަނުގެ ސެކިއުރިޓީއަށް އިތުރު 30 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ. ނަމަވެސް އެ ފައިސާ އަދި ހަމަޖެހިފައިނުވާ ކަމަށް ވިދާޅުވިއެވެ.
އޭގެ އިތުރުން އެ ފްލެޓްތައް އިމާރާތް ކުރުމުގެ މަސައްކަތަށް އިންޑިއާގެ އެގްޒިމް ބޭންކުން 85 ޕަސެންޓް ހަމަޖެއްސި ނަމަވެސް ސަރުކާރުން ހަމަޖައްސަންޖެހޭ 15 ޕަސެންޓް ހަމަޖެއްސިފައި ނުވާ ކަމަށާއި އެހެންކަމުން ފްލެޓް ލިބުނު މީހުންގެ ލިސްޓެއް ސަރުކާރުން ނެރުނު ނަމަވެސް ފްލެޓް ލިބޭ މީހުންނަށް އެ ތަނަށް ވަދެވޭނެ ގޮތެއް ނޯންނާނެ ކަަމަށްވެސް ވިދާޅުވިއެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން ޝަކީލް "ވަން" އަށް ވިދާޅުވީ ފްލެޓްތަކުގެ ފެނާއި ކަރަންޓްގެ މަސައްކަތްތައް ޝެޑިއުލާ އެއްގޮތަށް ނިންމައިލެވޭނެ ކަމަށާއި އެކަމަށް އިތުރު ފައިސާ ބޭނުމެއް ނުވާނެ ކަމަށެވެ. އެގޮތުން މިހާރު ނިމިފައިވާ ބައެއް ފްލެޓްތަކަށް މިދިޔަ ހަފުތާގައި ސްޓެލްކޯ އިން ކަރަންޓް ގުޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވި ގޮތުގައި ނާޒިމް އެ ފާހަގަކުރައްވާ 30 މިލިއަން ޑޮލަރު ބޭނުންވަނީ އެކްސްޓާނަލް ކަންކަމަށް ކަމަށެވެ. އެގޮތުން އެންމެ ބޮޑު ހަރަދެއް ހިނގާނެ އެއް ކަމަކީ ކުނި މެނޭޖުކުރުމަށްޓަކައި ގާއިމުކުރަންޖެހޭ ވަސީލަތްތަކަށް ކަމަށް ވިދާޅުވިއެވެ.
"އެކްސްޓާނަލް ކަންކަމަށް ބޭނުންވަނީ ބޮޑަށް ދެން ބައެއް އިންޓާނަލް ކަންކަމަށް ވެސް ބޭނުންވާނެ. މިސާލަކަށް ކުނި އުކާލުން ކަހަލަ ކަންކަން. އެ ތަނަށް ވަންނައިރު ޖެހޭނީ އަމިއްލައަށް ކޮތަޅު ހިފައިގެން ތިރިއަށް ފައިބަން،" ހަމްދާން ވިދާޅުވިއެވެ.
ހަމްދާން ވިދާޅުވީ އަންނަ މަހު ފްލެޓްތަކަށް މީހުންނަށް ވަދެވޭނެ ކަމަށާއި އެގޮތަށް މަސައްކަތްތައް ރާވައިގެން ކުރިއަށްގެންދާ ކަމަށެވެ.
"ގެދޮރުވެރިޔާ" ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމު ކުރުމަށް އެކި ތާރީހުތައް ދިނުމަށްފަހު، ސަރުކާރުން މި މަހުގެ 16 ވަނަ ދުވަހު ވަނީ މުއްދަތެއް ނެތް ގޮތަށް ލިސްޓް އިއުލާން ކުރުން ފަސްކޮށްފައެވެ.
މާލެ ސަރަހައްދުން ފްލެޓް ދޫކުރުމަށް 26 ޖޫން 2022 ގައި ފަށާފައިވާ "ގެދޮރުވެރިޔާ" ސްކީމަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ.
އެ މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް އެ މަނިކުފާނުގެ ވެރިކަމުގައި 15 ނޮވެމްބަރު 2023 ގައި ނެރުނު ނަމަވެސް، ލިސްޓް އެކުލަވައިލުމުގައި ކޮރަޕްޝަނަަށް މަގުފަހިވާ ކަންތައްތަކެއް ހުރިކަމަށް ތުހުމަތުކޮށް، އާއްމު ފަރާތްތަކަކުން އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހެޅުމާ ގުޅިގެން، އެ މަނިކުފާނުގެ ވެރިކަމުގެ ދައުރު ނިމުނު އިރު ވެސް އެ ލިސްޓްގައި ހިމެނޭ ފަރާތްތަކަށް ފްލެޓް ހަވާލެއް ނުކުރެވުނެވެ.
އިންޑިއާގެ އެގްޒިމް ބޭންކުން 227 މިލިއަން ޑޮލަރު (3.5 ބިލިއަން ރުފިޔާ) ހޯދައިގެން ހަދާ 4،000 ފްލެޓު ހިމެނޭ 32 ޓަވަރު ދަނީ ހަދަމުންނެވެ. އޭގެ ތެރެއިން 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ހަވާލުކުރީ ޖޭއެމްސީއާއެވެ. އަނެއް 2،000 ފްލެޓް ހިމެނޭ 16 ޓަވަރު ހަވާލުކުރީ އެންބީސީސީއާއެވެ. އެއީ އިންޑިއާގެ ދެ ކުންފުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު