"މަގޭ ސާފު ރާއްޖެ" ސެމިނާ ބައްދަުލުވުންތަކެއް އެންވަޔަރަމަންޓް މިނިސްޓްރީން ފަށައިފިއެވެ.
އެމްއެންޔޫ އޮޑިޓޯރިއަމްގައި މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ އެ ސެމިނާތަކުގައި އެންވަޔަރަމަންޓް މިނިސްޓްރީގައި ކުރިއަށް ރޭވިފައި ހުރި ކަންކަމާއި، އިތުރަށް ހަރުދަަނާކުރަން ހުރި މަސައްކަތްތަކާ ގުޅޭ މައުލޫމާތާއި މަޝްވަރާކުރުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.
އެ ސެމިނާގައި އެންވަޔަރަމަންޓް މިނިސްޓަރު ތާރިގު އިބްރާހިމް ދެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވީ ރާއްޖޭގެ އާބާދި އިތުރުވަމުން އަންނަ އިރު، ކުނީގެ މައްސަލަތައް އަންނަނީ އިތުވަމުން ކަމަށާއި ކުނި މެނޭޖު ކުރުމަކީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.
"ވަސީލަތްތައް ބޭނުންކުރާ މިންވަރަކަށް ކުނީގެ މައްސަލަތައް ދަނީ އިތުރުވަމުން. އެހެންކަމުން ސަރުކާރުން މިދަނީ އެކަންކަމާ މެދު ދުރާލާ ފިޔަވަޅުތައް އަޅަމުން. މިދަނީ ރަށު ފެންވަރުގައި ކުނި މެނޭޖުކުރާ ސެންޓަރުތައް ގާއިމުކުރަމުން. މި ދާއިރާއިން މީހުން ބިނާކޮށް ވަސީލަތްތައް ފޯރުކޮށްދީ، ގާބިލުކަން އިތުރުކުރަން ރަށު ފެންވަރުގައި މެނޭޖުކުރެވޭނެ ކުނި މެނޭޖުކުރެވޭނެ އިންތިޒާމުތައް ގާއިމުކުރަމުން. ޒަމާނީ ޓެކްނޮލޮޖީއާއި އިޖާދީ ގޮތްތައް ބޭނުންކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެ ހުރިހާ މަސައްކަތްތައް ކުރުމަށް ގައުމީ ފެންވަރުގައި ކުރިއަށްގެންދަން ވަށާޖެހޭ ޕްލޭނެއް އެކުލަވާލާފައިވާ ކަމަށެވެ.
ރާއްޖޭގައި ރަސްމީގޮތެއްގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ފެށިފައިވަނީ ސުނާމީ ކާރިސާއާ ގުޅިގެން 2005 ވަނަ އަހަރުން ފެށިގެންނެވެ. އޭރުގައި ސަރުކާރުން ހިންގި ސުނާމީ ރިހެބިލިޓޭޝަން ޕްރޮޖެކްޓެއްގެ ދަށުން ރާއްޖޭގެ 79 ރަށެއްގައި ކުނިމެނޭޖުކުރާ އިކުއިޕްމަންޓްތަކެއް ގާއިމުކުރިއެވެ.
އޭގެ ކުރިން 2001 ވަނަ އަހަރު އޭޑީބީގެ ޕްރޮޖެކްޓެއްގެ ދަށުން ރާއްޖޭގައި ހިންގީ ރީޖަނަލް ޕްރޮޖެކްޓެއްގެ ދަށުން އައްޑޫ ހިތަދޫ އަދި ކުޅުދުއްފުށީގައެވެ.
ޕޮލިސީ ލެވެލްގައި ކުނި މެނޭޖުކުރަން ފެށީ 2007 ވަނަ އަހަރުއެވެ. އޭގެ ތެރޭގައި 2008 ވަނަ އަހަރު ރ. ވަންދޫގައި ކުނި މެނޭޖުކުރާ ފެސިލިޓީއެއް ގާއިމުކުރުން ހިމެނެއެވެ. އަދި 2015 ވަނަ އަހަރުގެ ކުނި މެނޭޖުކުރާ ސިޔާސަތުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންދިޔައެވެ.
ނަމަވެސް އެކަން ލޯންޗުކުރީ 2007 ވަނަ އަހަރުގެ މެދުތެރޭގައެވެ. 2008 ވަނަ އަހަރު ސަރުކާރު ބަދަލުވުމުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެ، 2015 ވަނަ އަހަރު އެ ސިޔާސަތުތައް ރިވިއު ކުރުމަށްފަހު، އަލުން ރާއްޖޭގައި ރީޖަނަލް ނުވަތަ ސަރަހައްދީ ކުނިމެނޭޖުކުރާ ނިޒާމުތަކެއް ގާއިމުކުރަން ފެށިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު