އަންނަ އަހަރު މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އަދި އަތޮޅު ތެރޭގައި 12،940 ހައުސިން ޔުނިޓް ހަދަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރުމަށް ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށާއި އެކަމަށްޓަކައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށެވެ. އެއީ މީގެ ކުރިން ރާއްޖޭގައި ވެރިކަން ކުރި އެއްވެސް ސަރުކާރަކުން ހިމަނާފައި ނުވާނެވަރުގެ އަދަދެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ބަޖެޓުގެ ތެރެއިން އަންނަ އަހަރު މާލެ ސަރަހައްދުގައި 15،000 ހައުސިން ޔުނިޓް އަދި އަތޮޅު ތެރޭގައި 41 ރަށުގައި 12،940 ހައުސިން ޔުނިޓް ހަދަން ފަށައި، މި ދައުރުގެ ތެރޭގައި އެ ތަންތަން ނިންމައި ހަވާލު ކުރައްވާނެ ކަމަށެވެ.
ހައުސިން ޔުނިޓްތައް ހަދާ ބައެއް ރަށްތަކާއި ހަދާ ޔުނިޓްތަކުގެ އަދަދު:
- ކުޅުދުއްފުށި ސިޓީގައި 3،000 ހައުސިން ޔުނިޓް
- ރ. ދުވާފަރުގައި 100 ހައުސިން ޔުނިޓް
- ބ. އޭދަފުށީގައި 1000 ހައުސިން ޔުނިޓް
- ޅ. ނައިފަރުގައި 750 ހައުސިން ޔުނިޓް
- އދ. މަހިބަދޫގައި 100 ހައުސިން ޔުނިޓް
- މ. އަތޮޅުގައި 100 ހައުސިން ޔުނިޓް
- ދ. ކުޑަހުވަދޫގައި 500 ހައުސިން ޔުނިޓް
- ލ. ގަމުގައި 1000 ހައުސިން ޔުނިޓް
- ގއ. ވިލިނގިލީގައި 100 ހައުސިން ޔުނިޓް
- ތިނަދޫ ސިޓީގައި 500 ހައުސިން ޔުނިޓް
- ފުވައްމުލައް ސިޓީގައި 500 ހައުސިން ޔުނިޓް
- އައްޑޫ ސިޓީގައި 1000 ހައުސިން ޔުނިޓް
މި ރަށްތަކުގެ ތެރެއިން ސަރުކާރުން ދާދި ފަހުން ވަނީ ބ. އޭދަފުށީގައި 15 ބުރީގެ 12 ޓަވަރުގައި 1000 ހައުސިން ޔުނިޓް ހަދަން ޗައިނާގެ ސައިނޯ ހައިޑްރޯ ކޯޕަރޭޝަންއާ ހަވާލުކޮށްފައެވެ. އެ ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނޭނީ ދެ ކޮޓަރީގެ 772 ފްލެޓާއި ތިން ކޮޓަރީގެ 336 ފްލެޓެވެ.
އަދި އެޗްޑީސީގެ 'ޓްރާންސްފޯމިން ޓުމޯރޯ"ގެ ދަށުން ހުޅުމާލޭގައި ސޯޝަލް ހައުސިންގެ ދެ މަޝްރޫއެއް ހިންގަންވެސް ވަނީ ނިންމައިފައެވެ. އެ މަޝްރޫއުގެ ދަށުން ޖުމުލަ 2،100 ހައުސިން ޔުނިޓް ހަދަން ނިންމާފައިވާއިރު، އެއީވެސް ދެ ކޮޓަރި އަދި ތިން ކޮޓަރީގެ ފްލެޓްތަކެކެވެ.
އޭގެ އިތުރުން ރަސްމާލެ ޕްރޮޖެކްޓުގެ ދަށުން 65،000 ހައުސިން ޔުނިޓް ހަދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު