ދާލަން ކެރިއާ އެކްސްޕޯ 2024ގެ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސްޓޯލަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެ އެކްސްޕޯ ކުރިއަށްގެންދިޔައީ، މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

އެމްއޭސީއެލުން ބުނީ އެ ސްޓޯލަށް ޖުމުލަ 3773 މީހުން ޒިޔާރަތްކުރި ކަމަށާއި 600 މީހުން އެ ކުންފުނީގެ ވަޒީފާއަށް އެދި ފޯމު ހުށަހެޅި ކަމަށެވެ.

އޭގެ އިތުރުން 103 މީހަކު އެ ކުންފުނީގެ އިންޓާންޝިޕް ފުރުސަތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅި ކަމަށާއި އެމްއޭސީއެލްގެ ވަޒީފާއަށް ކުރިމަތިލީ މީހުންގެ ތެރެއިން ހަތަރު މީހަކަށް، ފެއާގެ ތެރެއިން ވަޒީފާގެ ލިޔުން ހަވާލުކުރި ކަމަށެވެ. އެ ފަރާތްތަކަށް ވަޒީފާގެ ލިޔުން ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފެވެ.

ބާކީ ހުރި އެޕްލިކޭޝަންތައްވެސް ޕްރޮސެސްކުރުމަށްފަހު އިތުރު މީހުންނަށް ވަޒީފާގެ ފުރުސަތުތައް ތަނަވަސް ވެގެންދާނެ ކަމަށާއި ސްޓޯލަށް ޒިޔާތަރްކޮށް ރަޖިސްޓްރީކުރި މީހުންގެ މެދުގައި ނެގި ގުރުއަތުން ހޮވުނު ފަސް މީހަކަށް ލެޕްޓޮޕް އަދި 10 މީހަކަށް އެހެނިހެން ހަދިޔާތައް ދީފައިވާނެ ކަމަށްވެސް އެމްއޭސީއެލުން ބުންޏެވެ.

އެ އެކްސްޕޯގައި އެމްއޭސީއެލްގެ 20 ޑިޕާޓްމަންޓަކުން ބައިވެރިވެ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އޮޕްރޭޝަންސްތައް ކުރިއަށްދާގޮތާއި އެތަނުގައި ކުރާ މުހިންމު މަސައްކަތްތައް ބައިވެރިންނަށް ދައްކާލި ކަމަށް އެމްއޭސީއެލުން ބުންޏެވެ.