ޑިވެލޮޕްމަންޓް ބޭންކާއެކު ޖީލުތަކަށް ދެމެހެއްޓެނިވި އަދި ތަނަވަސް ރާއްޖެއެއް ފޯރުކޮށްދިނުމުގެ ތަސައްވުރު ހާސިލުކުރެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑުގެ ނަމުގައި ސަރުކާރުގެ 100 ޕަސަންޓު ހިއްސާ އެކުލެވިގެންވާ ސަރުކާރުގެ ބޭންކެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގައި ފާހަގަކޮށްލެވޭ ވިޔަފާރި ގައުމެއްކަން ތާރީހުން ހެކިދޭ ކަމަށާއި ޑިވެލޮޕްމަންޓް ބޭންކް ގާއިމުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރަކީ ވިޔަފާރި ގައުމެއްގެ ގޮތުގައި ތާރީހާ އެއްގޮތަށް ދެމެހެއްޓުން ކަމަށެވެ.
"އެއީ އެ މަނިކުފާނުގެ ތަސައްވުރެއް. ޑިވެލޮޕްމަންޓް ބޭންކާއެކު ދެމެހެއްޓެނިވި އަދި ތަނަވަސް ރާއްޖެއެއް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ތަސައްވުރު. ޑިވެލޮޕްމަންޓް ބޭންކަކީ ހަމަހަމަކަމާއެކު ހިއްސާކުރެވޭ ތަނަވަސްކަމާއި، އިޖުތިމާއީ ހަމަޖެހުމުގެ މުހިންމު ތަނބުތަކުގެ ވަށައިގެން ބިނާވެފައިވާ ކެތްތެރި ރާއްޖެއެއް ބިނާކުރުމަށް ރައީސްގެ ތަސައްވުރުގެ މުހިންމު ބޭންކެއް،" މިނިސްޓަރު ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކާއި ދިވެހި ވިޔަފާރިތަކަށް އެހީތެރިވުމާއި، ހުރިހާ ފަރާތްތަކެއް ހިމެނޭ ގޮތަށް ރާއްޖޭގެ އިގުތިސާދީ ކުރިއެރުން އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި ޑިވެލޮޕްމަންޓް ބޭންކުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށެވެ. އަދި މުސްތަގުބަލުގެ ތަރައްގީ ބައްޓަންކުރުމަށް އެހީތެރިވެދޭ ބޭންކެއްގެ ފުރިހަމަކަން އެ ބޭންކުން ފެނިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"މިއީ ގައުމުގެ މުސްތަގުބަލަށްޓަކައި އެމަނިކުފާނުގެ ޗެމްޕިއަންކަން ދައްކުވައިދޭ މަސައްކަތެއް، ޝުކުރިއްޔާ ރައީސް. މި މުހިންމު މުއައްސަސާ ހިމާޔަތްކޮށް ދެމެހެއްޓުމަކީ އެކުގައި އަޅުގަނޑުމެންގެ ވާޖިބެއް. އަޅުގަނޑު ގޮވާލަނީ ރެގިއުލޭޓަރީ އޮތޯރިޓީތަކާއި ބައިނަލްއަގުވާމީ ބައިވެރިންނާއި ލޯކަލް ވިޔަފާރިތައް ހިމެނޭ ގޮތަށް ކަމާބެހޭ ސްޓޭކްހޯލްޑަރުންނަށް މި މަސައްކަތަށް ފަސްނުޖެހޭ ސަޕޯޓާއި އެއްބާރުލުން ދިނުމަށް،" ސައީދު ވިދާޅުވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކު ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އެ ބޭންކް ހުޅުއްވައިދެއްވުމަށްފަހު ރައީސް ވަނީ އެ ބޭންކު ބައްލަވާލައްވައިފައެެވެ.
ޑިވެލޮޕްމަންޓް ބޭންކެއް އުފެއްދުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅެކެވެ. އެއީ ރާއްޖޭގައި ހުޅުވި ފުރަތަމަ ޑިވެލޮޕްލަމަންޓް ބޭންކެވެ.
އެ ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާއި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމާއި، ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރުމުގެ ބޭނުމުގައި އުފެއްދި ބޭންކެކެވެ.
ރާއްޖޭގައި ޑިވެލޮޕްމަންޓް ބޭންކެއް ހުޅުވުމަށް ބޭނުންވާ ބޭންކިން ލައިސަންސް، ޑިވެލޮޕްމަންޓް ބޭންކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދިނީ މިދިޔަ މަހުގެ 13 ވަނަ ދުވަހުއެވެ.
ޑިވެލޮޕްމަންޓް ބޭންކުގެ ޗެއާޕާސަނަކީ އަރޫނީ ގޫނަތިލަކައެވެ. އަރޫނީ ގޫނަތިލަކަ އަކީ ބިޒްނަސް އޮރިޖިނޭޝަން، ގަވަނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓުތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ހާއްސަވެފައިވާ ބައިނަލްއަގުވާމީ ފިނޭންޝަލް މާކެޓްގެ ފިނޭންޝަލް ސާވިސް ތަޖުރިބާކާރެކެވެ. އަރޫނީ ގޫނަތިލަކަ އަކީ ހާވާޑް ޔުނިވާސިޓީން މާސްޓާ އޮފް ލޯ ހާސިލުކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
ޑިވެލޮޕްމަންޓް ބޭންކުގެ ސީއީއޯއަކީ ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސްއެވެ. ޕެޓާސަން-ޖޯންސްއަކީ ޗީފް އިންވެސްޓްމެންޓް އޮފިސަރެއްގެ ހައިސިއްޔަތުން ސައުދީ އަރަބިއްޔާގެ ނޭޝަނަލް އިންފްރާސްޓްރަކްޗާ ފަންޑު ގާއިމުކުރުމުގައި މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޕެޓާސަން-ޖޯންސް ވަނީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީން މެނޭޖުމަންޓް ސްޓަޑީސްގެ ދާއިރާއިން މާސްޓާ އޮފް ފިލޯސަފީ ހާސިލުކުރައްވައިފައެވެ.
ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން "ޑިވެލޮޕްމަންޓް ބޭންކް އޮފް މޯލްޑިވްސް ލިމިޓެޑް" ގެ ނަމުގައި ދިވެހި ސަރުކާރުގެ ކުންފުންޏެއް އުފެއްދެވީ މިއަހަރުގެ މެއި މަހުގެ 16 ގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު