އިންޑިއާގެ އިތުރުން ދުނިޔޭގައި ވެސް އެންމެ މުއްސަނދި އެއް މަހުޖަނު، މުކޭޝް އަމްބާނީގެ ހަގު ދަރިކަލުން އަނަންތު އަމްބާނީ ހދ. މަކުނުދުއަށް ގޮސް، އެ ރަށުން ކުކުޅަކާއި ތިން މުސަޅު ގަނެފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ދާދި ފަހުން ކައިވެނި ކުރި އަނަންތު ރާއްޖެ އައިސްފައިވަނީ އަންހެނުން ރާދިކާ މާޗަންޓްއާ އެކުގައި އިއްޔެއެވެ. އެ މީހުން ޗުއްޓީ ހޭދަކުރަމުންދަނީ މިދިޔަ އޭޕްރީލް މަހު ހުޅުވި ލަގްޒަރީ ރިސޯޓް، ސޮނެވާ ސީކްރެޓްގައެވެ.

އަނަންތު މަކުނުދުއަށް ދިޔައީ މިއަދު ހަވީރެވެ. އެ ރަށުގެ ޒުވާނެއް ކަމުގައިވާ މުހައްމަދު ޝާނިފް ބުނި ގޮތުގައި، އަނަންތު މަކުނުދުއަށް ދިޔައީ ޖެޓްސްކީއެއްގައި ބޮޑީގާޑުންނާއި ޑޮކްޓަރުންނާއެކުއެވެ. އަދި ރަށަށް އަރައި ކުކުޅާއި މުސަޅާއި ދޫނި ކަހަލަ އެއްޗެހި ގެންގުޅޭ ތަނަކަށް ގެންދިއުމަށް އެދުމުން އެ އެއްޗެހި ގެންގުޅޭ ގެއަކަށް ގެންދިޔަ ކަމަށެވެ.

"އެ ގެއިން އޭނާ 400 އެއްހާ ރުފިޔާ ދީފައި ކުކުޅަކާއި ތިން މުސަޅު ގަތް،" ޝާނިފް ބުންޏެވެ.

މިދިޔަ ޖުލައި މަހު އަނަންތު އާއި ރާދިކާ ކައިވެނި ކުރި އިރު، އެ ކައިވެންޏަކީ ދުނިޔޭގައި ވެސް މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު އެއް ކައިވެނި ހަފުލާއެވެ.