އިޒްރޭލުން ފަލަސްތީނުގައި ހިންގާ އަނިޔާވެރި އަމަލުތަކާ ގުޅޭގޮތުން މަތީ ތައުލީމު ހާސިލުކުރާ ދަރިވަރުން އިލްމީ ފޯރަމެއް ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ، މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ)ގެ ދަރިވަރުންގެ ޔޫނިއަނާއި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ދަރިވަރުންގެ ޔޫނިއަން ގުޅިގެން އިންތިޒާމުކުރާ އެ ފޯރަމް ކުރިއަށްގެންދަން ހަމަޖައްސާފައިވަނީ މިމަހުގެ 24 ގައެވެ.

އެމްއެންޔޫއެސްޔޫގެ އިތުރު ހަރަކާތްތަކުގެ ނައިބު ރައީސް މިޝަލް މޫސާ "ވަން" އަށް މިއަދު ވިދާޅުވީ، އެ ފޯރަމްގައި އިލްމީ ނަޒަރިއްޔާތަކުން ފަލަސްތީނުގެ މައްސަލާއާ ގުޅޭ ވާހަކަތައް ދެކެވިގެންދާނެ ކަމަށެވެ.

"މިމަހުގެ 24 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހަރަކާތުގެ އެންމެ ފުރަތަމަ ފޯރަމް. މި ފޯރަމްގައި މި މައުޟޫއަށް އިލްމީ ނަޒަރަކުން އިންސާފުކުރެއްވުމަށްޓަކައި އެމްއެންޔޫ އަދި އައިޔޫއެމްގެ ލެކްޗަރާއިން ބައިވެރިވުމަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެންގެ އަމާޒަކީ އެކިއެކި އިލްމީ މައުލޫތަކަށް އަލިއަޅުވާލައިގެން މި ހަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުން،" މިޝަލް ވިދާޅުވިއެވެ.

މި ވަގުތަށް އެމްއެންޔޫގެ އޮޑިޓޯރިއަމްގެ ޖާގަ ހުރި ވަރަކުން ޖުމުލަ 350 މީހުންނަށް ބައިވެރިވެވޭނެ ކަމަށް ދަރިވަރުންގެ ޔޫނިއަނުން މައުލޫމާތުދެއެވެ.