ހދ. ނެއްލައިދޫގައި ރަށު ވަގުފު މަޝްރޫއުއެއް ކުރިއަށް ގެންދަން ނިންމައި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވަގުފު މަޝްރޫއުގެ އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއެވެ. ނެއްލައިދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު އަލީފްއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ނެއްލައިދޫގައި އެ މަޝްރޫއު ހިންގަން ނިންމީ، ވަގުފު މަޝްރޫއުއަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި ލިބުނު ޕްރޮޕޯސަލްތައް ދިރާސާކުރުމަށްފަހު ކަމަށެވެ. އެގޮތުން 14 ރަށު ކައުންސިލަކުންނާއި 10 އަތޮޅު/ސިޓީ ކައުންސިލަކުން ޕްރޮޕޯސަލް ހުށަހެޅި ކަމަށް ބުންޏެވެ.
ނެއްލައިދޫ ކައުންސިލުން ހުށަހަޅާފައިވާ ވަގުފު މަޝްރޫއުއަކީ ލަނޑާ/ކަނޑު/ފަރު މަސްވެރިކަމާގުޅޭ މަސައްކަތަށް އެ ރަށުން އާއްމުންނަށް ކުއްޔަށް ދިނުމަށް، 10 އައުޓްލެޓް އިމާރާތްކުރުމެވެ. އެ މަޝްރޫއުގެ ދަށުން ހަދާ އައުޓްލެޓްތައް ކުއްޔަށް ދީގެން ލިބޭ ނަފާއިން ރަށުގެ މިސްކިތްތައް މަރާމާތުކުރުމާއި ދީނީ އިޖުތިމާއީ އެކި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ރަށްރަށުގައި ވަގުފު އިމާރާތްތައް އިތުރުކުރުމަކީ އެ މިނިސްޓްރީގެ އަމާޒެއް ކަމަށެވެ. އެގޮތުން ނެއްލައިދޫގައި ވަގުފު މަޝްރޫއުއެއް ކުރިއަށް ގެންގޮސް އޭގެ ނަފާ ދީނީ ކަންކަމަށް ލިބިގެންދާނެ ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު