އަންނަ އަހަރު މުޅީން އަލަށް 299 މަޝްރޫއެއް ފަށަން ނިންމާފައިވާކަން ހާމަވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓުގައި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް ޖުމުލަ 12.4 ބިލިއަން ރުފިޔާ ޖަހާފައިވެއެވެ. ނަމަވެސް އެހެން އަހަރުތަކާ ހިލާފަށް އެ ހުރިހާ މަޝްރޫއުތަކެއްގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެއެވެ. އެކަމުގެ ކަންބޮޑުވުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ ފާޅުކުރައްވައިފައެވެ.
އަންނަ އަހަރު ފަށަން ނިންމާފައިވާ މަޝްރޫއުތަކުގެ އަދަދު ހާމަވީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުމުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ބަޖެޓަށް ހުށަހެޅި ލަފާގައެވެ. އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުނީ، އަންނަ އަހަރު ޖުމުލަ 695 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި 12.4 ބިލިއަން ރުފިޔާ ބަޖެޓުގައި ހިމަނާފައިވާކަން ބަޖެޓުގެ ތަފުސީލުތަކުން އެނގޭ ކަމަށެވެ.
އެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނެނީ މިހާރުވެސް ހިނގަމުންދާ 396 މަޝްރޫއުއަކާއި އަލަށް ފަށާ 299 މަޝްރޫއެއް ކަމަށްވެސް ބުންޏެވެ.
އަންނަ އަހަރުގެ ބަޖެޓުގައި އެކި ރަށްތަކުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް 1.8 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު، ގްރޭޓާ މާލެ ވޭސްޓް އެނާޖީ މަޝްރޫއުއަށް 524 މިލިއަން ރުފިޔާ، ގޮނޑުދޮށް ހިމާޔަތްކުރުމަށް 236 މިލިއަން ރުފިޔާ، ފެނާއި ނަރުދަމާގެ އެކިއެކި މަޝްރޫއުތަކަށް 867 މިލިއަން ރުފިޔާ އަދި ކުނި މެނޭޖުކުރުމުގެ މަޝްރޫއުތަކަށް 381 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
އޭގެ އިތުރުން ބިން ހިއްކުމާއި މަގުހެދުމުގެ މަޝްރޫއުތަކަށް 644 މިލިއަން ރުފިޔާ، އެއާޕޯޓް ހެދުމަށް 1.3 ބިލިއަން ރުފިޔާ، ތިލަމާލެ ބްރިޖަށް 1.4 ބިލިއަން ރުފިޔާ އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް 993 މިލިއަން ރުފިޔާ ހިމަނާފައިވާއިރު އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް 523 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު ސްކޫލް ޔުނިވާސިޓީ އިމާރާތް ކުރުމަށް 419 މިލިއަން އަދި އަރަބިއްޔާ އާ ސްކޫލް އިމާރާތްކުރަން 80 މިލިއަން ރުފިޔާ ހިމަނާފައިވެއެވެ. އަދި ސިއްހީ ދާއިރާގެ އިންފްރާސްޓްރަކްޗާ މަޝްރޫއުތަކަށް 902 މިލިއަން، ކެންސަރު ހޮސްޕިޓަލަށް ހަދަން 62 މިލިއަން ބަޖެޓުގައި ޖަހާފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު