އެމްޑީޕީގެ ސަރުކާރުން އިހުމާލުވުމުގެ ސަބަބުން ވީރާނާވެފައިވާ ދަރުމަވަންތަ ހޮސްޕިޓަލުގެ ހާލަތު މި ސަރުކާރުން ބަދަލުކޮށްފައިވާ ކަމަށް އައިޖީއެމްއެޗުގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހަލީމް ވިދާޅުވީ ކުރީ ސަރުކާރުން ދަރުމަވަންތަ ހޮސްޕިޓަލަށް އިހުމާލުވުމުގެ ސަބަބުން އެތަނުގައި ހުރި މެޝިނަރީސްތައް ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ހޮސްޕިޓަލުގެ ގިނަ ފްލޯތަކެއް ބޭނުން ކޮށްފައިވަނީ ގުދަނުގެ ގޮތުގައި ކަމަށާއި ހައިބްރިޑް ކެތުލެބްގައި ހުރި މެޝިންތައް މަރާމާތު ނުކުރުމުގެ ސަބަބުން ހުރީ ބޭނުން ނުކުރެވޭ ހާލަތުގައި ކަމަށެވެ.

ހަލީމް ވިދާޅުވީ ހޮސްޕިޓަލުގެ ފިނިހޫނުމިން ބަލަހައްޓާ ނިޒާމު ހުރީ މަރާމާތުނުކޮށް ގިނަ ދުވަސްވުމުގެ ސަބަބުން ބޭނުން ނުކުރެވޭ ހާލަތަށް ގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލުގެ ހިދުމަތްތައް ދެމުން ގެންދިޔައީ އެކި ދަންފަޅިތަކުގައި އެކި ސަރަހައްދުތަކުގައި އެކި ފަންގިފިލާތަކަށް އެކި ވަގުތުތަކުގައި ފިނިހޫނުމިން ބަހައިގެން ކަމަށެވެ.

"އެހެންނަމަވެސް ރައީސް [މުއިއްޒު] ގެ ސީދާ އިރުޝަދާއި ލަފާފުޅުގެ ދަށުން އަޅުގަނޑުމެން މިއަދު މިހާލަތު ބަދަލުކޮށްފިން. މިރޭ މި ފެންނަނީ މުޅިން އެހެން ހާލަތެއް، ތަފާތު މަންޒަރެއް، އާ ރާސްތާއެއް. އާދެ، ހޮސްޕިޓަލުގައި ހުރި ފިނިހޫނުމިން ހިފަހައްޓާ ނިޒާމުގެ މަސައްކަތްތައް ތާވަލުކުރެވި ކޮމްޕްރެސާތައް ބަދަލުކުރެވި އިމާރާތުގެ ފިނިކުރާ ނިޒާމުގެ މައްސަލަތައް މިވަނީ ހައްލުކޮށްފައި. ދަރުމަވަންތަ ހޮސްޕިޓަލުގެ ކެތު ލެބަށް ބޭނުންވާނެ އެންމެ ޒަމާނީ އާލަތްތައް ހޯދައި މައްސަލަ ޖެހިފައި ހުރި މެޝިނަރީސްތައް ވެސް ބަދަލުކޮށް، އެހެން ބަޔަކަށް ބަރޯސާނުވެ އަޅުގަނޑުމެން އަމިލައަށް ހިންގާ ހައިބްރިޑް ކެތު ލެބެއްގެ ގޮތުގައި މިތަން ބޭނުން ކުރަން މިހާރު ފަށައިފި،" ހަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުރިން ބޭނުން ނުކޮށް ގުދަނަކަށް ހަދާފައި ހުރި 17 ފްލޯއިން ފެށިގެން 22 ވަނަ ފްލޯ މިހާރު ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ. އަދި 17 ވަނަ ފްލޯގައި ހަ ޑެލިވެރީ ސޫޓާއި އެންއައިސީޔޫއަކާއި 22 ވަނަ ފްލޯގައި ފާޓިލިޓީ ސެންޓަރެއް ގާއިމް ކޮށްފައިވާ ކަމަށެވެ. އަދި 18 ވަނަ ފްލޯ އާއި 19 ވަނަ ފްލޯގައި 14 ކޮޓަރީގެ އިތުރުން 21 ވަނަ ފްލޯ އިދާރީ މަސައްކަތަށް ބޭނުން ކުރަމުންދާ ކަމަށް ހަލީމް ވިދާޅުވިއެވެ.