ހައުސިން ލޯނު ސްކީމުގެ ހުރިހާ ކެޓަގަރީއަކަށް ވެސް މަސްވެރިންނަށް ކުރިމަތިލެވޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ހިޔާވެހި ފައިނޭންސިން ސްކީމްގައި މަސްވެރިން ބައިވެރިކުރުމަށް ކުރެވިފައިވާ މަސައްކަތުގެ މައުލޫމާތު ހިއްސާ ކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ މަސްވެރިންނެކޭ އެއްފަދައިން އެހެން ސިނާއަތްތަކަށް ވެސް ފުރުސަތު ހުޅުވާލަނީ މިހާރު އިއުލާނުކޮށްފައި އޮތް ބޯހިޔާވަހިކަމުގެ ލޯނު ސްކީމުގެ ތެރެއިން އެޕްލައިކުރުމަށް ކަމަށެވެ.
"މިހާރު ހުޅުވާލާފައި މިއޮތް ހައުސިން ލޯނު ސްކީމުގެ ހުރިހާ ކެޓަގަރީއަކުން ވެސް މަސްވެރިންނަށް ކުރިމަތިލެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރާ ވާހަކަ މި ދަންނަވަނީ،" ހައިދަރު ވިދާޅުވިއެވެ.
ހައިދަރު ވިދާޅުވީ މަސްވެރިންނަށް ލިބޭ އާމްދަނިއަކީ އިންފޯމަލް ސެކްޓާ އަކަށް ވުމުންނާއި މަހުން މަހަށް މަސްވެރިންނަށް ލިބޭ ސީދާ އާމްދަނީގެ ތަފުސީލީ ލިޔެކިޔުންތައް ބޭންކުތަކުގައި ނެތުމުން، މަސްވެރިންނަށް ލޯނު ލިބުމުގައި ދަތިތަކާ ކުރިމަތި ވާނެ ކަމަށެވެ.
"ކަނޑައެޅިގެން ވަކި ތަރުތީބަކުން މަހު މުސާރަޔަށް ނުވަތަ އުޖޫރަޔެއްދޭ ގޮތަކަށް ނޫން މި އޮންނަނީ. މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތް މިކުރަނީ އޭރުގައި ބޭނޭ މަހަކުން ކޮންމެވެސް ވަރެއްގެ މަސްވެރިންނަށް ދޭ ގޮތަށް. މިންވަރެއް ބޭނޭ މަހަކުން ދޭގޮތަކަށް. އެހެންވީމަ، އެހެން އޮތީމަ މި ބޭންކުތަކުން ބަލާއިރު ކަނޑައެޅޭ ވަކި އަދަދެއް، ކޮންމެ މަހަކަު ލިބޭ ކަމަކަށް ރަޖިސްޓާވެފައެއް ނޯންނާނެ،" ހައިދަރު ވިދާޅުވިއެވެ.
އެގޮތުން މަސްވެރިންގެ ދަފުތަރުގައި ޖެހި ވަކިވަކި އުޅަނދުތަކުގައި މަސްވެރިން ރަޖިސްޓްރީވުމުން، މަސްވެރިންނަށް ވެސް ސަރުކާރުގެ ގުޅުން ހުރި އިދާރާތަކުން ލޯނު ނެގޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށެވެ. ނަމަވެސް އެއީ މަސްވެރިންނަށް ވަކިން ލޯނު ދޫކުރާ ވާހަކައެއް ނޫން ކަމަށް ވެސް ހައިދަރު ވިދާޅުވިއެވެ.
"ދަފުތަރުގައި ރަޖިސްޓްރީ ކުރެވި ވެސަލްތަކުން ރެކޯޑުތައް ބެލެހެއްޓި ރަޖިސްޓްރީ ބެލެހެއްޓި، މަސްވެރިންނަށް ލިބެނީ ކިހާވަރެއްކަން ޔަގީން ކުރެވުނީމަ، ލޯނުތަކަށް އެޕްލައިކުރުމަށް ފުރުސަތުތައް ހުޅުވިގެން ދާނެ ކަމަށް އަޅުގަނޑު މި ދެކެނީ. އެއީ މަސްވެރިމަކުގައި ލިބޭ އާމުދަނީ ވެސް ރެގިއުލަރައިސް ކުރެވިގެން ނޫނިއްޔާ ބޭންކިން ދާއިރާގައި ލޯނު ހޯދުމުގައި ދަތިތަކެއް އުޅޭނެ ކަމަށް ފެންނާތީ. އެކަންތަކަށް ވެސް ބޮޑު ކުރިއެރުމެއް ލިބޭނެ،" ހައިދަރު ވިދާޅުވިއެވެ.
މަސްވެރިންގެ ގައުމީ ދަފުތަރެއް އެކުލަވާލުމަކީ މި ސަރުކާރުގެ ހަފުތާ 14 މަގުޗާޓުގައި ވެސް ހިމަނާފައިވާ ކަމެކެވެ. އެ ދަފުތަރެއް އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ މަސްވެރިންނަކީ ދައުލަތުގެ އެހެނިހެން އިދާރާތަކެކޭ އެއްފަދައިން ސަރުސާރުން ބަލައިގަންނަ އާމްދަނީ ލިބޭ މަސައްކަތެއް ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމެވެ.
ޚަބަރު
ޚަބަރު
ޚަބަރު