"ޔުނައިޓެޑް ނޭޝަންސް ޕާރޓިޝަން ޕްލޭން ފޯރ ޕެލަސްޓައިން" އަލިފުދާލަށް ހުށައެޅި، އެ ޖަމްޢިއްޔާގެ ޢާއްމު މަޖިލިހުން އެ ހުށައެޅުން ފާސް ކުރީ 29 ނޮވެންބަރު 1947 ގައެވެ. ޤަރާރު ނަންބަރު 181(II) އިންނެވެ. އެ ހުށައެޅުމުގައި އޮތީ، ފަލަސްޠީނުގެ ބިމުގައި ޢަރަބި ފަލަސްޠީނީންގެ ދައުލަތަކާއި، ޔަހޫދީ ސަހުޔޫނީންގެ ދައުލަތެއް އުފައްދައި، ޤުދުސް ޝަހަރު ބައިނަލްއަޤްވާމީ ޒޯނެއްގެ ގޮތުގައި ބޭއްވުމަށެވެ.
މިއީ ބޭއިންޞާފު ޕްލޭނެއް ކަމާ މެދު ޝައްކެއް ނެތެވެ. ނަމަވެސް އެ ވާހަކަ ބާއްވައިފައި، އެ ޕްލޭން ފާސް ކުރުމަށް ޓަކައި، ސަހުޔޫނީ އިސްރާއީލުން ޢަމަލު ކުރި ގޮތަށް ބަލަމާ ހިނގާށެވެ!
ޕާރޓިޝަން ޕްލޭން ފާސް ވާން އޮތީ އަލިފުދާލުގެ ޢާއްމު މަޖިލިހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތެއް ލިބިގެނެވެ. ވޯޓު އެންމެ ފުރަތަމަ ޝެޑިޔުލް ކުރެވުނީ 26 ނޮވެންބަރު 1947 އަށެވެ. ނަމަވެސް ވޯޓު ނެގުމުގެ ވަގުތު ކައިރި ވެގެން އައި އިރު، އެއިރު ޢާއްމު މަޖިލިހުގެ މެންބަރު ޤައުމުތަކުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތު ނުލިބޭކަން ސަހުޔޫނީންނާއި އެމީހުންގެ އެކުވެރީން ކަމުގައި ވާ ހުޅަނގުގެ ބޮޑެތި ބާރުތަކަށް ޔަޤީން ވުމުން، ފިލިބަސްޓަރ ކޮށްގެން، ގަދަބާރާއި ޒީލަގަދަކަމާއި ނުފޫޒާއި "މާފިޔާ އުކުޅުތައް" ބޭނުން ކޮށްގެން، ވޯޓު ތިން ދުވަހަށް ފަސް ކުރިއެވެ.
އެޔަށްފަހު، ދެން ކުރި ކަމަކީ އެމެރިކާ އާއި ޔޫރަޕުގެ ބޮޑެތި ބާރުތަކުގެ އެހީތެރިކަމާ އެކު، ޢާއްމު މަޖިލިހުގެ މެންބަރު ޤައުމުތަކަށް ބިރު ދައްކައިގެނާއި ރިޝްވަތު ދީގެން "ރަޙްމަތްތެރިކަން" ގަނެގެން ވޯޓު ކަށަވަރު ކުރުމުގެ މަސައްކަތެވެ.
އެމެރިކާގެ ތާރީޚު ފޮތްތަކުގައި ލިޔެވިފައި ވާ ގޮތުން، އެމެރިކާގެ ރައީސް ޓްރޫމަނާއި ސަރުކާރުގެ ފުރިހަމަ ތާއީދު ހޯދީ ވެސް އެމެރިކާގެ ޔަހޫދީ ލޮބީ އާއި މުއްސަނދި ބޭންކަރުންގެ ބާރުގައި، ރިޝްވަތާއި ބިރުދެއްކުންތަކުގެ ތެރެއިންނެވެ. ސަހުޔޫނީންނަށް ފުރިހަމަ އެހީތެރިކަމާއި މަދަދު ނުދީފިއްޔާ، ޓްރޫމަންގެ ޑިމޮކްރެޓިކް ޕާޓީއަށް މާލީ އެހީ ދިނުން ހުއްޓައިލާނެކަމުގެ ވަރުގަދަ އިންޒާރުތަކާ އެކުގައެވެ. ކަށަވަރެވެ. އެމެރިކާ ސަރުކާރު އޮތީ ސަހުޔޫނީންނަށް ތާއީދު ކޮށް ވޯޓު ދިނުމުގެ ވިސްނުމުގައެވެ. ނަމަވެސް، ސަހުޔޫނީން ބޭނުން ވީ ހަމައެކަނި ވޯޓާއި ސިޔާސަތުގެ ތާއީދެއް ނޫނެވެ. ބޭނުންވި އެންމެ ބޮޑު އެހީތެރިކަމަކީ، އެހެން ޤައުމުތަކަށް ބިރު ދައްކައިގެންނާއި ރިޝްވަތު ދީގެން، ޤައުމުތަކުގެ އަމިއްލަ އިރާދާ ނަފީ ކޮށް، މަޖުބޫރު ކޮށްގެން ވިޔަސް އެ ޤައުމުތަކުގެ ވޯޓު ވެސް ކަށަވަރު ކުރުމެވެ. މިގޮތުން ހިނގައިދިޔަ ބައެއް ކަންކަމުގެ ވާހަކަ ފާހަގަ ކޮށްލާނަމެވެ.
1. ފްރާންސްގެ ސަރުކާރު އޮތީ، ބައެއް ކަހަލަ އިސްތިރާޖީ ސަބަބުތަކަށް ޓަކައި، އެ ޕްލޭނަށް ވޯޓު ނުދޭ ގޮތަށެވެ. ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ޤައުމު އަލުން ބިނާ ކުރުމަށް ޓަކައި ފަރަންސޭސީންނަށް ނުހަނު ބޮޑަށް މުހުތާދު ވެފައި އޮތް މާލީ އެހީތެރިކަން ދޭން އެމެރިކާއިން ވަޢުދު ވެފައި އޮތް އިރު، ޕްލޭނަށް ވޯޓު ނުދީފިއްޔާ އެ އެހީތެރިކަން ނުދޭނެ ކަމަށް ބުނެ އެމެރިކާއިން އިންޒާރު ދިނެވެ. ނަތީޖާއަކީ ފަރަންސޭސީންގެ މައުގިފު ބަދަލު ކޮށް، ޕްލޭނަށް ވޯޓު ދިނުމެވެ.
2. ތައިލެންޑުގެ ވަފުދުން، 25 ނޮވެންބަރުގައި އޮތް ކޮމިޓީ ބައްދަލުވުމުގައި ޕްލޭނާ ދެކޮޅަށް ވޯޓު ދިނުމުން، 29 ނޮވެންބަރުގައި އޮތް ޖަލްސާއަށް އެ ވަފުދުގެ މެންބަރުންނަށް ނުވަދެވޭ ގޮތް ހެދުމަށް ޓަކައި ވަފުދުގެ މެންބަރުންގެ ޑިޕްލޮމެޓިކް ކްރެޑެންޝަލް ބާޠިލު ކުރެވުނެވެ. ނަތީޖާއަކީ އެންމެ ފަހުގެ ވޯޓުގައި ތައިލެންޑުގެ މަންދޫބުންނަށް ބައިވެރި ނުވެވި، އެމީހުންގެ ވޯޓު ޕްލޭނާ ދެކޮޅަށް ލެވޭ ގޮތް ނުވުމެވެ.
3. ހެއިޓީގެ ވޯޓު ކަށަވަރު ކުރީ ފަސް މިލިއަން ޑޮލަރުގެ ލޯނު އެހީ ދީގެން އޭގެ ބަދަލުގައެވެ.
4. ފިލިޕީންސުން 29 ނޮވެންބަރާ ހަމަޔަށް، އަލިފުދާލުގެ ކަމާބެހޭ މަންސަތަކުގައި ވަކާލާތު ކުރަމުން ގެންދިޔައީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައެވެ. އެމީހުންގެ ބިން އެމީހުންގެ އަތުން ފޭރިގަނެ އެ ބިމުން އެހެން ބަޔަކަށް ބައި އެޅުމަކީ އަޚްލާޤީ ޖަރީމާއެއް ކަމަށާއި އެއީ ބައިނަލްއަޤްވާމީ ޤާނޫނު ހުއްދަ ނުކުރާ ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް، އެންމެ ފަހު ވަގުތު ފިލިޕީންސްގެ ސަފީރަށް ވޮޝިންގޓަނުން އައި ކޯލަކަށް ފަހު، ކުއްލި ގޮތަކަށް ފިލިޕީންސްގެ މައުގިފު ބަދަލު ވެ، ޕްލޭނާ އެއްގޮތަށް ވޯޓު ދިނެވެ.
5. އިންޑިއާގެ ބޮޑުވަޒީރު ޖަވާހަރްލާލް ނެހުރޫ ވިދާޅުވެފައި ވަނީ، އިންޑިއާގެ ވޯޓު ހޯދުމަށް ޓަކައި ބޮޑެތި ޢަދަދުތަކުން ރިޝްވަތު ހުށައެޅުނު ކަމުގައެވެ. އިންޑިއާއިން އަލިފުދާލަށް ކަނޑައަޅައިފައި ހުރި މަންދޫބު، ނެހުރޫގެ ކޮއްކޯފުޅު ވިޖެޔާ ލަކްޝްމީ ޕަންޑިތަށް ކޮންމެ ދުވަހަކު، ޕްލޭނަށް ނޫން ވޯޓު ދެއްވައިފިއްޔާ ފުރާނަފުޅަށް ނުރައްކާ ވާނޭކަމުގެ ޞަރީޙަ އިންޒާރުތައް ލިބިވަޑައިގަންނަވަމުން ދިޔަ ވާހަކަ ވެސް ޢާއްމުންނާ ހަމަޔަށް ގެނެސްދެއްވީ ނެހުރޫގެ ދޫފުޅުންނެވެ. މި ހުރިހައި ޕްރެޝަރާ އެކު ވެސް، އިންޑިއާއިން ދޫ ނުދީ، ފަލަސްޠީނުގެ ރައްޔިތުންގެ ކޮޅު ނަގައި، ޕްލޭނާ ދެކޮޅަށް ވޯޓު ދިނެވެ. އޭގެ ސަބަބެއް ކަމުގައި ބުނީ އިންޑިއާގައި އޮތް ބޮޑު މުސްލިމް އާބާދީގެ ޝުޢޫރުތަކާއި ޙައްޤުތަކަށް އިޙުތިރާމު ކުރުމެވެ.
6. ބިރުދެއްކުންތަކާއި ރިޝްވަތުގެ ހުތުރު ކުޅިގަނޑުތަކެއްގެ ތެރޭގައި، އަލިފުދާލުގެ ޗާޓަރާއި ބައިނަލްއަޤްވާމީ ޤާނޫނުތަކާ މުޅީން ޚިޔާފަށް ވޯޓުގެ ކަންކަން ގެންގޮސް، 29 ނޮވެންބަރު 1947 ގައި ޕާރޓިޝަން ޕްލޭން ފާސް ކުރީ 33 ތިން އާނ ވޯޓު، 13 ނޫން ވޯޓުންނެވެ. 10 ޤައުމަކުން ވަކި ކޮޅަކަށް ވޯޓެއް ނުދެއެވެ.
މި ބަޔާން ކުރެވުނީ، "އިސްރާއީލު" އެވެ ކިޔާ ސަހުޔޫނީ ކިޔާން އުފެއްދުމަށް އަލިފުދާލުގެ ޢާއްމު މަޖިލިހުން ފާސް ކުރި ފާސް ކުރުން ޣައިރުޤާނޫނީ ވާ މައިގަނޑު އެއް ސަބަބެވެ. މި ސަބަބު އެކަނި ވެސް، އިސްރާއީލަކީ ޤާނޫނީ އަސާސެއް ނެތި، ޝަރްޢިއްޔަތެއް ނެތި އުފައްދައިފައި ވާ ޣައިރުޤާނޫނީ ކިޔާނެއް ކަމުގެ ޙަޤީޤަތް ސާބިތު ކުރުމަށް ފުދެއެވެ. ނަމަވެސް އިސްރާއީލު އުފެއްދުމަށް އިނގިރޭސީން އިސް ވެތިބެގެން ހިންގި ސިޔާސީ ކަންތައްގަނޑާއި، ބައިނަލްއަޤްވާމީ ޤާނޫނުގެ އިޖުރާއާތުތަކުގެ ތެރެއިން ހިންގި ކަންކަމަކީ މުޅީން ވެސް ޣައިރުޤާނޫނީ ކަންތައްތައްކަން އަންގައިދޭ އެހެން ހެކިތަކާއި ސަބަބުތައް ވެސް ވެއެވެ.
އެ ހެކިތަކާއި ސަބަބުތަކުގެ ތެރެއިން އެއް ކަމަކީ 1916 ވަނަ އަހަރު އިނގިރޭސީންނާއި ފަރަންސޭސީންނާއި ރޫސީން ވި ޣައިރުޤާނޫނީ އިސްތިޢުމާރީ އެއްބަސްވުން ކަމުގައި ވާ "ސައިކްސް-ޕީކޯ އެގްރީމެންޓް" އެވެ. ދެވަނަ އެއްޗަކީ 1917 ވަނަ އަހަރު އިނގިރޭސި ޚާރިޖީ ވަޒީރު އާރތަރ ޖޭމްސް ބެލްފޯރ ސަހުޔޫނީންނަށް ދެއްވި ޣައިރުޤާނޫނީ އިސްތިޢުމާރީ ޢަހުދުނާމާ ކަމުގައި ވާ "ބެލްފޯރ ޑެކްލަރޭޝަން" އެވެ. ތިންވަނަ ކަމަކީ، ލީގް އޮފް ނޭޝަންސް ޖަމްޢިއްޔާގެ ނިޒާމުގެ ތެރެއިން އިނގިރޭސީންނަށް ފަލަސްޠީނުގެ މައްޗަށް ދިން މޭންޑޭޓާ އެކު، އެ މޭންޑޭޓުގެ ތެރެއިން ފަލަސްޠީނުގައި ސަހުޔޫނީ ދައުލަތެއް އުފެއްދުމަށް ޓަކައި މޭންޑޭޓް ވަސީގާއަށް "ބެލްފޯރ ޑެކްލަރޭޝަން ލައި އެ ޤަރާރަކީ މޭންޑޭޓް ވަސީގާގެ ބަޔަކަށް ހެދުމަށް، ޚުދު ލީގް އޮފް ނޭޝަންސްގެ މީސާގުގެ 22 ވަނަ މާއްދާއާ ޚިލާފަށް، ލީގުގެ ކައުންސިލުން ނިންމި ޣައިރުޤާނޫނީ ނިންމުމެވެ.
މި ދެންނެވި ތިން ކަންތައްތަކަކީ ވެސް ބައިނަލްއަޤްވާމީ ޢުރުފީ ޤާނޫނާއި، 1920 ވަނަ އަހަރާ ހަމަޔަށް ތަދުވީނު ކުރެވި ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ވަސީގާތަކުގައި ލިޔެވިފައި ހުރި ޤާނޫނީ އުޞޫލުތަކާއި، ޢަދުލުއިންޞާފުގެ ހަމަތަކާއި ޠަބީޢީ ޢަދާލަތުގެ އުޞޫލުތަކާ ޚިލާފަށް ކޮށްފައި ހުރި ކަންކަމެވެ. މި ކަންކަން ކުޅައީ ހުޅަނގުގެ ބާރުތަކުގެ އިސްތިޢުމާރީ އަނިޔާވެރިކަމާއި ނުލަފާކަމުގެ މަގުންނެވެ. ގަދަފަދަ މީހާ ބަލިކަށި މީހާގެ މައްޗަށް ޖަންގަލީގެ ޤާނޫނު ހިންގުމުގެ މަގުންނެވެ. ދުނިޔެ އާއި ދުނިޔޭގެ ކަންކަމުގެ ވެރީންނީ ތިމައުރެން ކަމާއި، ތިމައުރެން ހިތުހުރި ގޮތަކަށް އިންސާނިއްޔަތުގެ ކަންކަން ކުރެވޭނޭ ކަމުގެ ބޮޑާ އަދި ކިބުރުވެރި ބަސްތައް ބުނަމުންނެވެ. ނަމަވެސް، ދުނިޔޭގެ ކަންކަން ހިނގާ ގޮތް ބައްލަވާށެވެ! އާރާއިބާރާއި ޖައްބާރުކަން ދައްކައިގެން "އިސްރާއީލު" ގެ ނަމުގައި އުފެއްދި ޣައިރުޤާނޫނީ ކިޔާނަކީ ޣައިރުޤާނޫނީ ކިޔާނެއްކަމުގެ ޙަޤީޤަތް ފޮރުވުނުތޯއެވެ؟ ބާޠިލަކީ ބާޠިލުކަމާއި، އަނިޔާ އަކީ އަނިޔާކަމާއި، ނުބަޔަކީ ނުބައިކަމުގެ ޙަޤީޤަތް ފޮރުވުނުތޯއެވެ؟ ނޫނެކެވެ! ސައިކްސް-ޕީކޯ އެއްބަސްވުމާއި، ބެލްފޯރ ޑެކްލަރޭޝަނާއި، ފަލަސްޠީނުގެ މޭންޑޭޓް ވަސީގާގައި ސަހުޔޫނީ ދައުލަތް އުފައްދައިދިނުމުގެ ވަޢުދު ހިމެނުމަށް ލީގް އޮފް ނޭޝަންސްގެ ކައުންސިލުން ނިންމި ނިންމުމާއި، ސަހުޔޫނީ ދައުލަތް ވުޖޫދަށް ގެނައުމަށް އަލިފުދާލުން 1947 ގައި ނިންމި ނިންމުން – މީގެ ކޮންމެ ނިންމުމަކީ ޣައިރުޤާނޫނީ، އަނިޔާވެރި، އަދި ޝަރްޢިއްޔަތެއް ނެތް ބާޠިލު ނިންމުމެއް ކަމުގެ ޙަޤީޤަތް ވަނީ ދުނިޔެއަށް ހާމަ ވެފައެވެ. ކޮންމެ ދުވަހަކު ދުނިޔެއިން އަނދިރިކަން ފޮހެލާން އިރުމަތީ ފަރާތުން އުދަ ވެގެން އަންނަ އަލިގަދަ އިރުގެ އަލިކަން ފަދައިންނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ބަސްފުޅުގައި ވާ ފަދައިން، ޙައްޤު އައުމުން ބާޠިލު ދާނީ ނެތިގެންނެވެ. ޙައްޤުގެ ތެދުގެ އަޑު އިވުމުން ބާޠިލުގެ ދޮގުވެރިކަން ދާނީ ފަޟީޙަތް ވެ ބޭޒާރު ވެގެންނެވެ.
ވިޔަފާރި
ބޭރު ކުޅިވަރު
ކުށް
ކުށް