ނެޓްފްލިކްސްގެ ޑްރާމާ ސީރީޒް ސްކުއިޑް ގޭމް ޝޯގެ ސީކުއަލް އުފެއްދުމުގެ ސަބަބުން ކުރިމަތިވި ނަފުސާނީ ބުރައިގެ ތެރޭގައި އޭނާގެ އަށެއް ނުވަތަ ނުވަ ދަތް ގެއްލިފައިވާ ކަމަށް ޑައިރެކްޓަރު ހުވާން ޑޮން ހްޔުކް ބުނެފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، މި ގޮތަށް އޭނާ ބުނި ނަމަވެސް ކަމުގެ މާބޮޑު ތަފުސީލެއް ދީފައެއް ނުވެއެވެ.

ހުވާން ޑޮން ހްޔުކް ބުނީ މަގުބޫލު ތުރިލާ ޝޯގެ ދެވަނަ ސީޒަން އުފެއްދުމަކީ އޭނާއަށް ވަރަށް ބޮޑު ނަފުސާނީ ބުރައެއް ކުރިމަތިކުރުވި މަސައްކަތެއް ކަމަށާއި، އޭގެ ނޭދެވޭ އަސަރު އޭނާގެ ސިއްހަތަށް ކޮށްފައިވާ ކަމަށެވެ. 2021 ގައި ނެރުނު ކޮރެއާގެ މި ޝޯ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދިއެވެ. ޝޯ ނެރުނުތާ 28 ދުވަހުގެ ތެރޭގައި، 128 މިލިއަނަށްވުރެ ގިނަ ގޭބިސީތަކުން މި ޝޯ ބަލައިފައިވެއެވެ.

އޭނާ އިތުރަށް ބުނީ، ޝޯގެ ސީކުއަލެއް އުފެއްދުމުގެ އެއްވެސް ޕްލޭނެއް އޭނާގެ ނެތެވެ.

"ފުރަތަމަ ސީރީޒް އެހާ ބޮޑު ބައިނަލްއަގްވާމީ ކާމިޔާބީއެއް ހޯދި ނަމަވެސް، ތެދުތެދަށް ބުނަންޏާ އަހަރެން މާ ގިނަ އެއްޗެއް ނުހޯދަން. އެހެންވީމާ، ދެވަނަ ސީރީޒް ހެދުމުން ފުރަތަމަ ސީރީޒްގެ ކާމިޔާބީއަށް ވެސް އަހަރެންނަށް ބަދަލު ލިބޭނެ." ހުވާން ބުނެފައިވެއެވެ.

ފުރަތަމަ ސީޒަންގައި ގާތްގަނޑަކަށް ހުރިހާ ކެރެކްޓަރުންނެއް މަރުވެފައިވާތީ، ދެވަނަ ސީޒަން އަލުން ފެށިގެން އާ ކާސްޓަކާއި، އާ ވާހަކައަކާއި އަދި އާ ކުޅިވަރުތަކަކާއެކު އުފައްދަން ޖެހުނެވެ. ކުރީ ސީޒަންގެ ކުޅިވަރުން މޮޅުވި، ލީ ޖަން ޖޭ ކުޅުނު ގީ-ހަން، އެ މުއައްސަސާ ވައްޓާލުމަށް އަނބުރާ އަންނާނެއެވެ. އާ ސީޒަންގައި ފުރަތަމަ ސީޒަންގެ ބައެއް ނުނިމި ހުރި ކަންތައްތައް ނިންމައި، ކުޅިވަރުތަކާއި ފްރަންޓްމޭންގެ ވުޖޫދާ ބެހޭ ގޮތުން އިތުރު މައުލޫމާތު ދޭނެ ކަމަށް ބެލެވިފައިވެއެވެ.

މި ޝޯއަކީ އެމީ އެވޯޑްސްގެ އެންމެ މޮޅު ޑްރާމާ ފަދަ މައިގަނޑު ގިންތިތަކަށް ނޮމިނޭޓްވި ފުރަތަމަ ކޮރެއާގެ ޝޯއެވެ. އަދި މި ސީރީޒުން ކޮރެއާގެ އެކްޓަރުގެ ގޮތުގައި ޖަން ޖޭއަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބުނުވެ. ހުވާންއަކީ އިނގިރޭސި ނޫން ބަހަކުން ހަދާފައިވާ ސީރީޒަކަށް އެންމެ މޮޅު ޑްރާމާގެ ގިންތިން އެވޯޑު ހޯދި ފުރަތަމަ އޭޝިއާގެ ޑައިރެކްޓަރެވެ.

ފާއިތުވި ނޮވެމްބަރު މަހު، ސްޓްރީމިން ސަރވިސްއިން "ސްކުއިޑް ގޭމް: ދަ ޗެލެންޖް" ގެ ނަމުގައި އާ ރިއަލިޓީ ގޭމް ޝޯއެއް ތައާރަފުކުރިއެވެ. މި ޝޯގައި، ފައިސާ ހޯދުމުގެ އުންމީދުގައި ތިބި 456 މީހުން، ސްކުއިޑް ގޭމް ޓީވީ ސީރީޒްގައި އޮތް ފަދައިން، އެކި ކުޑަކުދީންގެ ކުޅިވަރުތަކުގައި ވާދަކުރިއެވެ. އިނާމުގެ ގޮތުގައި ދެވުނީ 4.56 މިލިއަން ޑޮލަރު، މިއީ ޓީވީގެ ތާރީހުގައި އެންމެ ބޮޑު އިނާމެވެ. މި ގޭމްގެ ދެވަނަ ސީޒަނެއް ހެދުމަށް އެއް ހަފުތާ ފަހުން ނިންމުނެވެ.