ހަގީގީ އުފާވެރިކަމެއް ލިބޭނީ ދިރުމަކަށް ކަމެއް ކޮށްދެވިގެން ކަމަށާއި އެގޮތުން މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި 34 ކުއްޖަކަށް އާއިލާއެއް ހޯދައިދެވިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރާ ހަވާލުވެވަޑައިގެންނެވި އިރު، މި މުޖުތަމައު އޮތީ އަޅައިނުލެވި އޯގާތެރިކަން ނެތިފައި ކަމަށާއި ކަނޑައެޅުއްވި އެންމެ މުހިންމު ސިޔާސަތަކީ އޯގާތެރި ސަރުކާރެއް ގާއިމުކުރުން ކަމަށެވެ.

"އެގޮތުން ކޮންމެ ކުއްޖަކަށް އާއިލާއެއް، މި ޕްރޮގްރާމު ފެށިން. ފަށައިގެން މިހާރު ވަނީ އަޅައިނުލެވި ދޫކޮށްލެވިފައި ތިބި 34 ކުދިން ހޯދައި، އެކުދިން ބަލާނެ ޕޭރެންޓުން ހޯދައި، އެކުދިންނަށް އާއިލާތަކެއް ހޯދައިދީފައި. 34 ކުދިންނަށް ލައިފެއް ހޯދައިދެވިއްޖެ އަޅުގަނޑުމެންނަށް އިރާދަކުރެއްވީތީ. ސަރުކާރުގެ ބޭނުމެއް ނެތެއްނޫންތޯ ހަމައެކަނި ބޮޑެތި އިމާރާތްތައް އަޅާލައިގެން ތިބެގެންނެއް. ހަގީގީ އުފާވެރިކަމެއް ލިބޭނީ ދިރިހުރި ފަރާތަކަށް، ދިރުމަކަށް ކަމެއް ކޮށްދެވިގެން،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެގޮތަށް ތިބި ކުދިން ނަގައި، އެކުދިންނަށް އަޅައިލާނެ ލޯބިވާ އާއިލާއެއް ހޯދައިދިނުން މާ އުފާވެރި ކަމަށާއި އެ މަޝްރޫއު އެއަށްވުރެ ވެސް ފުޅާކުރެވިގެންދާނެ ކަމަށެވެ. އަދި "ހާލު ކިހިނެއް"ގެ ނަމުގައި ސަރުކާރުން ފެށި ޕްރޮގްރާމު ވެސް ވަރަށް ކާމިޔާބުކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ މިނިސްޓްރީގެ ޓީމުުތައް ދަނީ ގޭގެއަށް. 8027 ގޭބިސީއަކަށް ޒިޔާރަތްކޮށްފި، މާލެ އާއި ރަށްރަށުގެ. ގޮސް ރައްޔިތުންގެ ހާލު ބަލަނީ، ފިޒިކަލީ ބަލަނީއޭ އަޅުގަނޑުމެންގެ ސަރުކާރުން. ގޭގެއަށް ދަނީ، ގޮސް ހާލު ބަލައި އެމީހުންނަށް ބޭނުންވާ ކަންކަން ކޮށްދެނީ. މިއީ ދުވަހަކުވެސް ކުރި ކަމެއް ނޫން. އެހެންވީމާ އަޅުގަނޑުމެން މި މަސައްކަތް ވެސް މި ފެށީ ރައްޔިތުންނަށް އަޅާލައި، އޯގާތެރި ސަރުކާރެއް ގާއިމުކުރުމަށްޓަކައި،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އިސްރަށްވެހިންގެ ނާދީއެއް ހަދައި، އެތަނުން 3093 އިސްރަށްވެހިންނަށް 153 ހަރަކާތް ހިންގައިދީފައިވާ ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ހަވާސާވެފައި ތިބޭ ތިބުން ނިމުމަކަށް ގެނެސް މެއިންސްޓްރީމް ކުރުމުގެ މަސައްކަތް ވެސް ފެށިފައިވާ ކަމަށެވެ. އަދި މިދިޔަ ފަސް އަހަރު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިސްކަމެއް ދެވިފައިނުވާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.