އަންނަ އަހަރަށް ހުށަހަޅާފައިވަނީ ގެދޮރުވެރިކަމުގެ ބަޖެޓު ކަމަށާއި ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ރައްޔިތުންނަށް ފެންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ގެދޮރުވެރިކަމުގެ ލޯނު ސްކީމާއި ގެދޮރު އެޅުމަށް ހިމެނި 1.5 ބިލިއަން ރުފިޔާއާއެކު ޖުމުލަ 2.5 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށާއި އެހެން ދައުރުތަކުގައި ކަންކަން ހިނގާގޮތަށް ހަމައެކަނި އިންތިހާބެއް ގާތްވީމަ ބޯހިޔާވަހިކަމުގެ ވާހަކަ ގެންނަވަން ބޭނުންފުޅުނުވާ ކަމަށެވެ.

"މިހާރު ތަންފީޒުކުރެވިގެން މިދަނީ އަޅުގަނޑުމެން ހެދި ބަޖެޓެއް ނޫން. އަޅުގަނޑުމެން އެދުނު ކަމެއް ވެސް ހިމަނާފައި އޮތީކީ ނޫން ބުނިގޮތަކަށް. އެހެންވީމާ އަޅުގަނޑުމެން އަމިއްލަ ބާރާ އެކީގައި ހަދާ ފުރަތަމަ ބަޖެޓު ވެސް މިއޮތީ ހާއްސަކޮށްފައި ބޯހިޔާވަހިކަމަށް. އެހެންވީމާ އިރާދަކުރެއްވިއްޔާ އަޅުގަނޑު ވައުދުވީގޮތަށް ފެނިގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއް ދިވެހި ރައްޔިތުން ދެކޭ ތަން،" އެ މަނިކުފާނު ވިދާޅުވިއެވެ.

މިހާރު އިއުލާންކޮށްފައިވާ ހައުސިން ލޯނު ސްކީމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އާންމުކޮށް ބޭންކުތަކުން ދިހަ، ބާރަ ޕަސަންޓުގެ އިންޓަރެސްޓުގައި ލިބެން ހުންނަ ލޯނު ސްކީމުތައް އާ ސްކީމުގެ ދަށުން ފަސް ޕަސަންޓުގެ އިންޓަރެސްޓުގައި ލިބޭނެ ކަމަށެވެ. އަދި އެ ސްކީމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި ވެސް އެއް ބިލިއަން ރުފިޔާ ހާއްސަކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި އަންނަ އަހަރަށް މި ހުށަހަޅާ ބަޖެޓު ބައްލަވާ. އެ ބަޖެޓަށް އަޅުގަނޑު ކިޔަނީ ވެސް ބޯހިޔާވަހިކަމުގެ ބަޖެޓޭ. އެއީ ސަބަބެއް އޮތީމަ. ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެންމެ ގިނަ އަދަދު ބޯހިޔާވަހިކަން ޔަގީންކުރުމަށް ހިމެނި ބަޖެޓު އަންނަ އަހަރަށް މި ހުށަހަޅަނީ. އެއީ އަމަލީ މަޝްރޫއުތައް ހިންގުމަށް 1500 މިލިއަން ރުފިޔާ، 1.5 ބިލިއަން ރުފިޔާ މި އަންނަ އަހަރުގެ ބަޖެޓުގައި ގެދޮރު އެޅުމަށް ހިމަނާފައިވާނެ. ހަމައެއާއެކުގައި އިހަށްދުވަހު މި ލޯންޗުކުރި، މިހާރު ތިބޭފުޅުންނަށް އެޕްލައިކުރެވޭނެ ފަސް ޕަސަންޓު ސާވިސް ޗާޖަށްވުރެ ބޮޑު ނޫން ހައުސިން ލޯނު، އިސްލާމިކް ކޮމްޕަލަޔަންޓް ލޯނު ސްކީމެއް އެއީ،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުޑަ އާބާދީއަކަށް ވިޔަސް، ބޮޑު އާބާދީއަކަށް ވިޔަސް ކަނޑައެޅިފައި އޮންނަ އުސޫލުން، ކަނޑައެޅިފައި އޮންނަ ލެވެލްއަކަށް ލޯނު ނެގޭނެ ކަމަށާއި އެއް ބިލިއަން ރުފިޔާ ހިމަނާފައިވިޔަސް، އެ ސްކީމުގެ ދަށުން ދެ ބިލިއަން ބިލިއަން ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށެވެ.