"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފުލެޓް ލިބުނު މީހުންގެ ލިސްޓު މިއަންނަ ހަފުތާ ތެރޭގައި އާންމުކޮށް މިއަހަރު ނިމުމުގެ ކުރިން ފުލެޓް ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހައިދަރު ރޭ ވިދާޅުވީ މިހާރު ކުރަމުންދަނީ ފޯމްތައް އަލުން އިވެލުއޭޓް ކުރުމުގެ މަސައްކަތް ކަމަށެވެ. އެ މަސައްކަތް ނިމުމުން އަންނަ ހަފުތާ ތެރޭގައި ފުލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓް އާންމުކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ވަގުތީ ލިސްޓަށް ޝަކުވާގެ ފުރުސަތު ވެސް ހުޅުވާލާފައި އެ މަސައްކަތް އެއްކޮށް ނިންމާފައި އިރާދަކުރެއްވިއްޔާ ފުލެޓްތައް ހަވާލުކުރާނަން މިއަހަރު ނިމުމުގެ ކުރިން،" ހައިދަރު ވިދާޅުވިއެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަސް ނިމުމުގެ ކުރިން އާންމު ކުރާނެ ކަމަށް މިނިސްޓަރު ހައިދަރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ފްލެޓް ލިސްޓްގެ މަސައްކަތް ނުނިމޭތީވެ، ލިސްޓް އާންމު ކުރުން ލަސްކުރިއެވެ.
މިދިޔަ އޮގަސްޓް މަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ހައިދަރު ވިދާޅުވެފައިވަނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެއްޓެވި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިމާރާތްކުރަމުން އަންނަ ފުލެޓުތައް މިދިޔަ މަހުގެ ތެރޭގައި ހަވާލުކުރެވޭނެ ކަމަށާއި ސަރުކާރާ ހަވާލުވި އިރު، ހުޅުމާލެ ފޭސް ދޭކުން 4000 ފުލެޓު ހަވާލުކުރުމުގެ މަސައްކަތް އޭސީސީން އޮތީ ހުއްޓުވާފައި ކަމަށެވެ.
މިނިސްޓަރު މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކުރީގެ ސަރުކާރުން ފުލެޓު ލިބުނު ކަމަށް އާންމުކުރި 4،000 މީހުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ޝަރުތު ހަމާނުވާ މީހުންގެ ގޮތުގައި 825 މީހުން ހިމެނެއެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭގައި 4،000 ފްލެޓް އެޅުމުގެ މަސައްކަތް ކުރަނީ އިންޑިއާގެ ކުންފުނިތަކާ ހަވާލުކޮށްގެންނެވެ. އެ މަސައްކަތުގެ ދަށުން ޖުންލަ 16 ޓަވަރެއް ހަދާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު