ޅ. ހުޅިމެންދޫގައި ރިސޯޓަކާއި ޓްރެއިނިން ސްކޫލެއް ހަދަން ޓޫރިޒަމް މިނިސްޓްރީން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާ ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި އެމްއެންޔޫގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލްއެވެ. އެމްއެންޔޫއިން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒްއެވެ.

އެ އެއްބަސްވުމުގެ ދަށުން ހުޅުމެންދޫގައި ހަދާނީ ފަސް ތަރީގެ ރިސޯޓެކެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ފައިސަލް ވިދާޅުވީ، އެ މަޝްރޫއުގެ ދަށުން ޓޫރިޒަމްގެ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދެވޭނެ ކަމަށެވެ. އެގޮތުން، ޓޫރިސްޓުންނަށް ހިދުމަތް ދޭނީ ރިސޯޓުގައި ތަމްރީނު ހޯދާ ދަރިވަރުން ކަމަށް އޭނާ ވިދާޅުވިއެވެ.