ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް ކަމަށްވާ ހަތް ސަރަހައްދަކަށް ބަހާލައިގެން އާބަން ސެންޓަރުތައް ހެދުމުގެ މަގުސަދަކީ އެ ތަންތަނަށް މީހުން އެއްފަސް ކުރުން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހައިދަރު ރޭ ވިދާޅުވީ އާބާދީ އެއްފަސްކޮށްގެން ނޫނީ ރާއްޖެ ތަރައްގީ ނުކުރެވޭނެ ކަމަށެވެ. ހައިދަރު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ސަބަބުން މީހުން ދިރިއުޅޭ ކުދި ރަށްރަށަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެފަދަ ރަށްރަށުގެ ރައްޔިތުންނަށް ސަލާމަތުން ދިރިއުޅެވޭނީ ތިމާވެއްޓާ ރައްޓެހި ރަށްތަކެއް ތަރައްގީ ކޮށްގެން ކަމަށެވެ.
"މުޅި ރާއްޖެ އަށް ފެތުރިފައި އޮންނަ ގޮތަކަށް ނުހަދައިފި ނަމަ އެއް އާބަން ސެންޓަރާއި އަނެއް އާބަން ސެންޓަރާ ދޭތެރޭ އޮންނަ ދުރުމިން، ދުރުވީމާ ކޮން ތަނަކުން ކޮން ހިދުމަތެއްކަން ހޯދަން ދާނީ؟ ނޫނީ ހިޖުރަ ކުރާނީ ކޮން ތަނަކަށް ކަން ކަނޑައަޅަން އުނދަގޫވާނެ. އެހެންވެ މުޅި ރާއްޖެ އަށް ބަހާލައިފައި މި އޮތީ ހަތް އާބަން ސެންޓަރު،" ހައިދަރު ވިދާޅުވިއެވެ.
"މައި ރަށުގައި މީހުން އާބާދުވެއްޖެ ނަމަ ހިދުމަތް ހޯދުމަށްޓަކައި ދަތުރުކުރާކަށް ނުޖެހޭނެ. އާބާދީ އާއި ތަރައްގީ އެއްފަސްކުރުމަކީ ކުދި ރަށްރަށުގެ ރައްޔިތުން މިފަދަ ރަށްތަކަށް ބަދަލުކުރުން."
ހައިދަރު ވިދާޅުވީ އާބަން ސެންޓަރުތަކުގައި 10،000 މީހުންގެ އާބާދީއެއް ދިރިއުޅެވޭނެ ފެންވަރަށް އެތަންތަން ތަރައްގީ ކުރުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.
ހައުސިން މިނިސްޓްރީން އިއްޔެ ވަނީ އާބަން ސެންޓަރުތަކެއްގެ ގޮތުގައި ކަނޑައަޅާނެ ރަށްތައް އާންމުކޮށްފައެވެ.
- ރ. އުނގޫފާރު
- ބ. އޭދަފުށި
- ޅ. ނައިފަރު
- އދ. މަހިބަދޫ
- ފ. ނިލަންދޫ
- ދ. ކުޑަހުވަދޫ
- ލ. ފޮނަދޫ
ރައީސް އިއްޔެ ވިދާޅުވީ ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްގީގެ ސިޔާސަތުގެ ދަށުން މާލެ އާބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ހިދުމަތްތައް ހިމެނޭހެން، އެންމެ އުތުރުގެ ތިން އަތޮޅު ހިމެނޭހެން ނޮދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ ހަތަރު އަތޮޅު ހިމެނޭހެން ސަދަން އިންޓަގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްގީ ކުރާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، ހަތް އާބަން ސެންޓަރު (މާލެއިން އުތުރުން ތިން ސެންޓަރު، މާލެއިން ދެކުނުން ހަތަރު ސެންޓަރު) ތަރައްގީ ކުރުން އެއީ ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
"އަދި މިކަންކަމަކީ ކުރިޔަށް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ތަރައްގީގެ މާސްޓަ ޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ހިޔާލާއި ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ގަސްދުކުރާ ކަންކަން،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ކަންކަމުގެ ހަގީގަތް ނުބަލައި ނުވަތަ ހަގީގަތް ނޭންގި ތިބެ، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރާ ބޭފުޅުން ކަމަށެވެ
ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި އާބަން ސެންޓަރެއް ތަރައްގީކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މި ސިޔާސަތަކީ، ރައީސް މުއިއްޒުގެ ގެދޮރުވެރި ކުރުމާއި އާބަނައިޒޭޝަންގެ ސިޔާސަތުގެ ދަށުން ގާއިމްކުރާ ތަންތަނެވެ.
ބޭނުމަކީ މާލެއަށް ބަރޯސާނުވެ އަތޮޅުތަކުންވެސް ޒަމާނީ ހިދުމަތްތައް ލިބޭގޮތް ހެދުން ކަމަށް ވެސް ރައީސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
މި މަސައްކަތުގެ ދަށުން ސަރުކާރުން ވަނީ އާބަން ޑިވެލޮޕްމަންޓްގެ ބިލެއްވެސް މަޖިލީހަށް ހުށަހަޅައިފައެވެ. އެ ބިލް އޮތީ ކޮމިޓީ މަރުހަލާގައެވެ.
ޚަބަރު
ޚަބަރު
ޚަބަރު