މާފުށީ ޖަލުގެ ގޮޅިއެއް ނައިޓް ކުލަބެއް ގޮތަށް ޑެކަރޭޓްކޮށް ދިއްލާފައިވާ މަންޒަރު ފެނަން ވީޑިއޯއަކީ ކުރީގެ ވީޑިއޯއެއް ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނެފިއެވެ.

އެ ވީޑިއޯއާ ބެހޭގޮތުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ކަރެކްޝަނަލް ސާވިސް އިން ބުނީ އެ ވީޑިއޯ ކްލިޕާ ބެހޭގޮތުން އެފަރާތުން ބެލި ބެލުމުން އެނގޭ ގޮތުގައި އެއީ 2022 ވަނަ އަހަރުން ފެށިގެން އެކި ފަހަރުމަތިން ވައިރަލްވާ ވީޑިއޯ ކްލިޕެއް ކަމަށެވެ.

"ގައުމީ ސަލާމަތާ ގުޅުން ހުންނަ މިފަދަ މުއައްސަސާއަކާ ބެހޭ ގޮތުން މައުލޫމާތު ފެތުރުމުގެ ކުރިން އެކަމެއްގެ މައުލޫމާތު މި މުއައްސަސާއާ ގުޅުއްވައިގެން ހޯއްދެވުމަށް ދަންނަވަން،" އެ ބަޔާނުގައި ކަރެކްޝަންސް އިން ބުނެފައިވެއެވެ.

ސޯޝަލް މީޑީއާގައި ދަރުވަމުންދާ ވީޑިއޯއިން ފެންނަނީ، ކަޅާއި ހުދާއި ނޫކުލައިން ފާރުތައް ޑިޒައިންކޮށް ގަދަ ރަތް ކުލަ އާއި ނޫކުލައިގެ ބޮކިތަކެއް ދިއްލައި ނައިޓް ކަލަބެއް ސިފަވާގޮތަށް ޑެކަރޭޓް ކޮށްފައިވާ ތަނެވެ. އަދި އެތަނުގައި ފަރުނީޗަރުތައް ބަހައްޓާފައިވާ ތަނާއި ބައެއް މީހުން އެތަކެތީގައި އިޝީންދެ ތިބެ ފޯނާ ކޫޅޭތަންވެސް އެ އެވީޑިއޯއިން ފެނެއެވެ.