އިހަވަންދިއްޕޮޅުގައި ތަރައްގީ ކުރަން ހަމަޖެހިފައިވާ "މޯލްޑިވްސް އިކޮނޮމިކް ގޭޓުވޭ ޕްރޮޖެކްޓު"ގެ ޕޯޓު ތަރައްގީކުރުމާއި އެ މަޝްރޫއާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓުމަންޓު ކުންފުންޏާއެކު ފްރޭމްވޯކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، މެރިޓައިމް ހިދުމަތްތަކާއި އިކޮނޮމިކް ސެކިއުރިޓީއަށް އަމާޒުކޮށްގެން، ރިއަލް އެސްޓޭޓް، ޓޫރިޒަމް އަދި އެހެނިހެން ވިޔަފާރިތައް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅު ތަރައްގީ ކުރުމަށް ވަނީ ނިންމައިފައެވެ.
ކަމަނަ މާލަމުގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މައި ހިއްސާދާރު ކަމަށްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމްއެވެ. އޭޝިއާ އިންވެސްޓުމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ޓަން ކުން ޗިއާއޯ ޖޯޖްއެވެ.
އެ ރަސްމިއްޔާތުގައި ޝިމާދު ވިދާޅުވީ، ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން ކުރެވޭ މަސައްކަތްތަކުގެ އަލީގައި ކުރިއަށް އޮތް ހައެއްކަ މަސް ތެރޭގައި ދާއިމީ އެއްބަސްވުމެއް ގާއިމުކުރެވުމުން، އެ އެއްބަސްވުމުގެ ދަށުން 100 މިލިއަން ޑޮލަރުގެ އިންވެސްޓުމެންޓު ގެނައުމަށް އެ ފަންޑުން އެއްބަސްވެފައިވާ ކަމަށް ޝިމާދު ވިދާޅުވި އެވެ.
"މި މަޝްރޫއުގެ މަސައްކަތްތަކަށް ފަންޑު ކުރާނީވެސް އެ ކުންފުނިން، ބިންހިއްކައި ޕޯޓާއި ކީވޯލްތައް ތަރައްގީކޮށް، ފަތުރުވެރިކަމުގެ މަޝްރޫއުތަކާއި ވެއާ ހައުސްތަކުގެ އިތުރުން ރިއަލް އެސްޓޭޓުތަކަށް ވެސް ފުރުސަތު އޮންނާނެ،" ޝިމާދު ވިދާޅުވިއެވެ.
ޓަން ކުން ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އެ މަޝްރޫއުގެ ދަށުން އިހަވަންދިއްޕޮޅުގައި ގިނަ ހިދުމަތްތަކެއް ތަރައްގީކުރުން ކަމަށެވެ.
"ބައިނަލްއަގުވާމީ ޕޯޓު ފެސިލިޓީތަކާއި ބޯޓު މަރާމާތުކުރުމުގެ ހިދުމަތް، ބަންކަރިން، ކުރޫޒު ޓޫރިޒަމް އަދި ފަތުރުވެރިކަމާ ގުޅުންހުރި އިތުރު މަސައްކަތްތަކުގެ އިތުރުން ރިއަލް އެސްޓޭޓުގެ ވިޔަފާރި، އެކްސްޕޯޓު ޕްރޮސެސިން ޒޯނެއް ތަރައްގީކުރާނަން" ޓަން ކުން ވިދާޅުވިއެވެ.
މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އަމާޒަކީ ކުރިއަށް އޮތް ހަ މަސް ތެރޭ، ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސްއާ އެކު އިތުރު އެއްބަސްވުމެއް ހަދާ 100 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ރާއްޖެއަށް ގެނައުން ކަމަށެވެ.
އިހަވަންދިއްޕޮޅު މަޝްރޫއު ކުރިއަށްދާ އިރު, ޔޫއޭއީގެ ތަރުރިބާކާރުންނާ އެކު މުހިންމު ފިލާވަޅުތަކެއް ރާއްޖެއަށް ނެގޭނެ ކަމަށާއި އެ ތަޖުޖިބާގެ އަލީގައި ހާސިލުނުވި ކަންތައްތަކާއި އެކަމުގެ ސަބަބުތައް ދެނެގަނެ، އެކަމުން ރަނގަޅު ފިލާވަޅުތަކެއް ނެގޭނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު