ރާއްޖޭގައި މީހުން ދިރިއުޅޭ 19 ރަށެއްގައި މޯލްޑިވްސް އިސްލާމިކް ބޭންކު (އެމްއައިބީ) އިން އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ހަފުލާއެއްގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުފައްދަލް އިދުރީސް ހުމްރީ އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު ސައީދު ވިދާޅުވީ، އެމްއައިބީގެ މިއަދުގެ ނިންމުމަކީ މާލީ މުހިންމު ނިިންމުންތަކެއް އެއްތަނަކުން ލިބޭނެ ފަދަ އިންތިޒާމެއް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ފުއްދަން ނިންމި މުހިންމު ނިންމުމެއް ކަމަށެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖެއްސުން ރައީސްގެ މެނިފެސްޓޯގައި ހިމެނެއެވެ.

"އަތޮޅުތެރޭގައި، ހާއްސަގޮތެއްގައި ރަށްރަށުގައި ރައީސް އެބަ ބައްލަވާ، ވާނުވާ އެނގެމުން އެބަދޭ. އެެމްއައިބީއާ ބެހޭގޮތުން ދަންނަވާނެ އިތުރު ވާހަކައެއް ނެތް. އެމްއައިބީގެ ސީއީއޯ ގާތު ރައީސުލްޖުމްހޫރިއްޔާގެ ކޮންމެ ވާހަކަފުޅެއް ދެންނެވި ކަމުގައި ވަނީ ނަމަ ކޮންމެ ހާލަތެއްގައިވެސް އޮތީ އެކަމެއް ކޮށްދެއްވަން ހިތާއި ރޫހުން މުޅި އިސްލާމިކް ބޭންކުގެ ހުރިހާ ބޭފުޅުުން އޮތީ އެއް ސްޓެޕް ކުރިއަށް ވަޑައިގެންފައި. އަޅުގަނޑަށް އެނގޭ އެހާ އަވަހަށް އޮފް ޝޯގެ ވާހަކަވެސް ދެއްކެވީ،" ސައީދު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި އެމްއައިބީގެ 2025 އަހަރުގެ ތަސައްވަރު ހިއްސާކުރައްވަމުން އެމްއައިބީގެ ސީއީއޯ ވިދާޅުވީ އަންނަ އަހަރު ރާއްޖޭގެ އުތުރުން ދެކުނަށް އެކި ކަންކޮޅުތަކުގައި އިތުރު 23 އޭޓީއެމް ބެހެއްޓުމަށް ޕްލޭންކޮށްފައިވާ ކަމަށެވެ.

"ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 19 އެޑިޝަނަލް އޭޓީއެމް އަޅުގަނޑުމެން ކަވަރުކުރާނަން، އިތުރު އެއް ބްރާންޗާއި، ހަތަރު ސޭލްސް ސެންޓަރާއި 15 ސެލްފް ސާވިސް ކިއޮސްކް. 2025 ވަނަ އަހަރު ނިމޭއިރު 16 އަތޮޅެއްގައި 62 އޭޓީއެމް، އެއީ 32 ރަށެއްގައި 7 ބްރާންޗް، 10 ސޭލްސް ސެންޓަރު، 21 އޭޓީއެމް ކިއޮސްކް، 56 ރުފިޔާ އޭޓީއެމް އަދި ހަ ޑޮލަރު އޭޓީއެމް ބެހެއްޓޭނެ،" ހުމްރީ ވިދާޅުވިއެވެ.

ހުމްރީ ވިދާޅުވީ އެމްއައިބީން މަސައްކަތްކުރާނީ އޭޓީއެމްތައް އިތުރުކުރުމަށް ކަމަށެވެ.

މިހާރުވެސް ރާއްޖޭގެ 18 އަތޮޅެއްގައި އެމްއައިބީގެ 39 އޭޓީއެމް ބަހައްޓާފައި ހުރެއެވެ. އޭގެ ތެރެއިން 35 އޭޓީއެމް އަކީ ރުފިޔާ އަދި ފަސް ޑޮލަރު އޭޓީއެމްއެވެ.