މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދިން 11 ވަނަ ނޫސްވެރިންގެ އެވޯޑުގެ އިތުބާރު ގެއްލިފައިވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.
ނޫސްވެރިކަމުގެ އިނާމާ ގުޅިގެން ހިނގާފައިވާ ކަންކަމާ ގުޅިގެން އެމްޖޭއޭއިން ނެރުނު ބަޔާނުގައި ބުނީ، ނޫސްވެރިކަމުގެ އިނާމާ ގުޅިގެން މިހާތަނަށް ހިނގާފައިވާ ކަންކަމުގެ ސަބަބުން އެ ކައުންސިލާއި ފަނޑިޔާރުންނާއި މުޅި އެ އެވޯޑްގެ އިންޓަގްރިޓީ ވަރަށް ބޮޑަށް ގެއްލިފައިވާތީ ކަންބޮޑުވާ ކަމަށެވެ.
އެމްޖޭއޭ އިން ބުނީ 11 ވަނަ ނޫސްވެރިކަމުގެ އެވޯޑް ހަފުލާގައި އިންވެސްޓިގޭޓިވް ދާއިރާގެ ވީޑިއޯ/އޯޑިއޯ ބައިން އަދަދު ނޫހުން ތައްޔާރުކުރި "ޖީ ސްކީލާން" އަށް އެވޯޑް ލިބުމާ ގުޅިގެން އެމްއެމްސީގެ ރައީސް ޕީއެސްއެމްގައި އަދާކުރާ ވަޒީފާއިން ވަކިކުރުމާއި އަލުން ވަޒީފާ އިއާދަކުރުމާއި އެމްއެމްސީގެ ލެޓަހެޑްގައި އަމިއްލަ ނަމުގައި ބަޔާނެއް ނެރުމާއި އެއާ ގުޅިގެން ފަނޑިޔާރުން ނެރުނު ބަޔާނުގައި ހުރި ކަންކަމުގެ ސަބަބުން އެވޯޑާ މެދު އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައި ކަމަށެވެ.
އެމްޖޭއޭ އިން ބުނީ އެ ބަޔާންތަކަކީ މީޑިއާ ކައުންސިލްގެ ރައީސް އަހުމަދު މުސްތަފާ އާއި ސަރުކާރު ވަޒީފާތަކުގައި އުޅޭ ފަނޑިޔާރުންވެސް ވަޒީފާގެ ބިރަށް ނެރެފައިވާ ބަޔާންތަކެއް ކަމަށް ބުނެ ދެކެވޭ ވާހަކަތަކަކީވެސް އެ އެސޯސިއޭޝަނުން ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މީގެ ސަބަބުން ކުރިއަށް އޮތްތަނުގައި ބާއްވާ ނޫސްވެރިކަމުގެ އިނާމަށް ނާޖާއިޒު ނުފޫޒު އިތުރަށް ވަނުމާއި އެއިރެއްގައި އޮންނަ ސަރުކާރަކަށް ފާޑުކިޔުން އަމާޒުވާ ފަދަ ގޮތަކަށް ނޫސްވެރީން އުފައްދާ އުފެއްދުންތަކަށް އިންސާފުކުރުމަށްވެސް ހުރަސްއެޅިގެންދާނެ ކަމެއް ކަމަށް ދެކެމެވެ." އެމްޖޭއޭ އިން ބުންޏެވެ.
އެމްޖޭއޭ އިން ބުނީ، އެވޯޑުގެ މައްސަލައިގައި އޭސީސީން އަވަސް ތަހުގީގެއް ފެށުމާއި އޭގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު އެއީ ބާރުވެރި ބައެއްގެ ނުފޫޒުތަކެއްގެ ސަބަބުން ކުރިމަތިވާ ކަންކަންކަމުގައި ބެލުމުގެ ޖާގަ އެބައޮތް ކަމަށެވެ.
އެމްޖޭއޭއިން އިތުރަށް ބުނީ، އެވޯޑާ ގުޅިގެން ބައެއް ނޫސްވެރީންނަށް ސަރުކާރުގެ ބައެއް ފަރާތްތަކުގެ ފުރައްސާރައާއި ކުރިމަތިލާން ޖެހިފައިވާ ކަމުގެ ޝަކުވާ ލިބިފައިވާ ކަމަށާއި ނޫސްވެރިން ލިޔާ ލިޔުމަކުން ނުވަތަ އުފައްދާ އުފެއްދުމަކާ ގުޅިގެން އެ ނޫސްވެރިޔަކަށް ޓާގެޓްކޮށް އޭނާގެ ކްރެޑިބިލިޓީ ގެއްލުވާލަން ކުރާ މަސައްކަތް ކުށްވެރިކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު