ސަރުކާރުން ކުރިއަށްގެންދާ "ކޫލް ސްކޫލު" ޕްރޮޖެކްޓަށް ޗައިނާއިން އޭސީތަކެއް ހަދިޔާކޮށްފިއެވެ.

ހުޅުމާލޭގައި ހުންނަ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) ގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އޭސީތައް މިނިސްޓްރީއާ ހަވާލުކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވަންގް ލިޝިންގް އެވެ. އަދި މިނިސްޓްރީގެ ފަރާތުން އޭސީތަކާ ހަވާލުވެވަޑައިގެންނެވީ މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއުއެވެ.

އެ ރަސްމިއްޔާތުގައި، "ކޫލް ސްކޫލް" ޕްރޮޖެކްޓަށް ޗައިނާ ސަރުކާރުން ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިއީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ގާތް ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށެވެ.

"ކޫލް ސްކޫލް" ޕްރޮޖެކްޓަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާއެކު، ބްރޭންޑެއްގެ ގޮތުގައި ފެށި ޕްރޮޖެކްޓެކެވެ. އެ ޕްރޮޖެކްޓެގެ ކޮންސެޕްޓަކީ ދަރިވަރުންނަށް ހިތްފަސޭހަކަން ހޯދައިދިނުން ކަމަށާއި އެގޮތުން ކޮންމެ ސުކޫލެއްގެ އަމާޒަކަށް ވެގެންދާނީ "ކޫލް" މާހައުލެއްގައި ހިތްހަމަޖެހޭ މަސައްކަތްތަކެއްކޮށް، ދަރިވަރުންނާއި ޓީޗަރުންގެ ތެރޭގައި ގުޅުން ރަނގަޅުވެގެން ދިއުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ސްކޫލެއް ކާމިޔާބުވުމުގައި އެންމެ ބޮޑު އެއް އަސާސަކީ ކޮމިއުނިޓީ ސުކޫލް ޕާޓްނާޝިޕް ކަމަށެވެ. އަދި މިއީ ހަމައެކަނި ސުކޫލަށް ތަކެތި ދިނުން ނޫން ކަމަށާއި އޭގެ ތެރޭގައި ސުކޫލުގެ ޓީޗަރުންނަށް ބޭނުންވާ ގަދަރާއި އިހުތިރާމު ދިނުމާއި ސުކޫލުގެ އިސްވެރީންނަށް އެއްބާރުލުން ދިނުން ވެސް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި، ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ގާތް ގުޅުން ފާހަގަކުރައްވައި ޗައިނާ ސަފީރު ވިދާޅުވީ އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ތައުލީމީ ދާއިރާއަށް ހެޔޮ ބަދަލެއް ގެނެސްދޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.