މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އަށް 46 އަހަރުގެ ދިގު މުއްދަތަކަށް ހިދުމަތް ކުރި އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީ ޝަހީމާ ހުސައިން އިއްޔެ ރިޓަޔާކުރައްވައިފިއެވެ.

ޝަހީމާއަކީ މިހާތަނަށް އެމްއޭސީއެލްއަށް އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރި މުވައްޒަފެވެ. އެ ކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީގެ މަގާމުވެސް އެންމެ ގިނަ ދުވަހު ފުރުއްވީ އޭނާއެވެ. އެގޮތުން އޭނާ ވަނީ އެ މަގާމު 15 އަހަރު ވަންދެން އަދާކުރައްވައިފައެވެ.

ޝަހީމާ ރިޓަޔާކުރެއްވުމުން އެމްއޭސީއެލް އިން ވަނީ އޭނާގެ އަގުވަޒަން ކުރުމުގެ ގޮތުން ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވައިފައެވެ.

އެ ރަސްމިއްޔާތުގައި އެމްއޭސީއެލް އިން ރިޓަޔާ ކުރެއްވި އެ ކުންފުނީގެ ކުރީގެ ޗީފް ޑިވެލޮޕްމަންޓް އޮފިސަރު މުހައްމަދު ސޮލާހުގެ އަގުވެސް ވަނީ ވަޒަންކޮށްފައެވެ. އޭނާ އެމްއޭސީއެލް އިން ރިޓަޔާ ކޮށްފައިވަނީ 20 އަހަރަށް ފަހުއެވެ.

އެމްއޭސީއެލްގެ އިސްވެރިންގެ ބައިވެރިވެވަޑައިގެން އިއްޔެ ބޭއްވި ހަފުލާގައި ޝަހީމާ އާއި ސޮލާހަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވަނީ ކުންފުނީގެ ފަރާތުން ހަނދާނީ ފިލައެއް އަރުވައިފައެވެ.