ދ. ކުޑަހުވަދޫގައި އައިޑީކާޑު ޕްރިންޓުކޮށް، ފޯރުކޮށްދިނުމުގެ މަސައްކަތް ފަށައިފިއެވެ.
ދ. އަތޮޅު ކައުންސިލުގެ އެހީތެރިކަމާއެކު ކުޑަހުވަދޫގައި އައިޑީކާޑު ޕްރިންޓުކުރެވޭނެ ގޮތް ހަދައި، ހިދުމަތްދޭން ފަށާފައިވަނީ މިއަދުއެވެ. އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހިދުމަތް ފައްޓަވައިދެއްވީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާނެވެ.
ވެލާނާގެ ބިލްޑިންގުގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީސް ފިޔަވައި، އައިޑީ ކާޑު ޕްރިންޓުކުރުމުގެ މަސައްކަތްކުރަމުންދިޔައީ ހަމައެކަނި ގއ. ވިލިނގިލީގައެވެ. އެހެންކަމުން ކުޑަހުވަދޫ އަކީ އެ ހިދުމަތް ދޭން ފެށި ދެވަނަ ރަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އައިޑީ ކާޑުގެ ހިދުމަތް ދިނުމަށް ބޮޑު ހޭދައެއްވާ އިރު، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާވަރަކުން ހިދުމަތް ދިނުމަށް ހޯމް މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށްފަހު އެ އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ބަދަލުކުރީ 11 ނޮވެމްބަރު 1993ގައެވެ.
ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމުކޮށްފައިވާ އިރު، ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭ ގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ހިދުމަތް ތައާރަފުކުރިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު