ހުރިހާ ވައްތަރެއްގެ ވިޔަފާރިތަކަށް ހާއްސަ މާސްޓާ ބިޒްނަސް ޕްރިޕެއިޑް ކާޑެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތާއާރަފުކޮށްފި އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކާޑު އިފުތިތާހުކުރީ އެ ބޭންކުން މިހާރު ކުރިއަށް ގެންދާ ބިޒްނަސް އެކްސްޕޯގަ އެވެ.

އާ ކާޑު ރުފިޔާ އާއި ޑޮލަރުން ލިބެން ހުންނާނެ ކަމަށާއި އޭޓީއެމް، ޕީއޯއެސް މެޝިން އަދި ޕޭމަންޓް ގޭޓްވޭއިން ލޯކަލްކޮށް ބަލައިގަންނަ ދެ ކާޑާއި ބޭރުގެ ޕީއޯއެސް މެޝިންތަކާއި ޕޭމެންޓް ގޭޓްވޭތަކުން ޑޮލަރު ކާޑު ބަލައިގަނެފައިވާ ކަމަށް ބީއެމްއިލް އިން ބުންޏެވެ. ދުވާލެއްގެ މައްޗަށް ދެ ލައްކަ ރުފިޔާ ނުވަތަ 50،000 ޑޮލަރުގެ ޓްރާންސެކްޝަން ލިމިޓަކާ އެކު ފަސް ލައްކަ ރުފިޔާ ނުވަތަ އެއް ލައްކަ ޑޮލަރާ ހަމައަށް ކާޑު ރީލޯޑް ކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ.

"ބިޒްނަސް ޕްރިޕެއިންޑް ކާޑަކީ ވަރަށް ގިނަ ފީޗާސްތަކަކާ އެއްކޮށް ވިޔަފާރިތަކަށް މިހާރަށްވުރެ ސެކިއޯ ގޮތެއްގައި އެބޭފުޅުންގެ މުއާމަލާތް ބެލެހޭއްޓޭނެ އެބޭފުޅުންނަށް ވަރަށް ފަސޭހައިން މެނޭޖުކުރެވޭނެ ޓޫލްއެއް. އެކްސްޕޯއަށް ވަޑައިގެން ކާޑުގެ މައުލޫމާތު ހޯއްދެވިކަމުގައި ވިޔަސް، ބޭންކިން ސޮލިއުޝަންސްތަކުގެ މައުލޫމާތު ހޯދާލަން ކަމުގައި ވިޔަސް. ސޯޝަލް މީޑިއާގެ ޓުވިޓާ، އިންސްޓާގްރާމް، ފޭސްބުކް ޕްލެޓްފޯމްތައް މެދުވެރިކޮށް ރީޗްއައުޓް ކޮށްލެވޭނެ. ކޯލް ސެންޓަރުންވެސް މައުލޫމާތު ލިބޭނެ." ބީއެމްއެލްގެ ހެޑް އޮފް އެކުއަރިންގް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން އަލީ ފާރިޝް ހަލީލު މިއަދު "ވަން" އަށް ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ އެކްސްޕޯ ކުރިއަށްގެންދިއުމުގެ ބޭނުމަކީ ބީއެމްއެލް އާއި ބިޒްނަސް ކޮމިނިއުނިޓީއާ އޮތް ގުޅުން މިހާރަށްވުރެވެސް ވަރުގަދަކުރުން ކަމަށެވެ.

"ބިޒްންސް އެކްސްޕޯގައި މިއަދު ބިޒްނަސް މާސްޓާކާޑު ލޯންޗު ކުރިކަމަށް ވިޔަސް މި އެކްސްޕޯގެ ތެރެއިން ބޭނުންވަނީ ބިޒްނަސްތަކަށް ހުރި ބޭންކިން ސޮލިއުޝަންސްތައް ގާތުން މައުލޫމާތު ލިބޭނެ ފޯރަމެއްގެ ގޮތުގައި، ކުރިއަށްގެންދިއުން" ފާރިޝް ވިދާޅުވިއެވެ.

ފާރިޝް ވިދާޅުވީ އެކްސްޕޯ ބޭއްވުމުގެ ކުރިން ނިމިދިޔަ ހަފުތާއިން އިއްޔެއާއި ހަމަޔަށް ގާތްގަނޑަކަށް 12،000 ދިވެހި ވިޔަފާރިތަކަށް ދައުވަތު ފޮނުވި ކަމަށެވެ. އަދި އެކްސްޕޯއަށް ޒިޔާރަތްކޮށްގެން ހާއްސަ އިނާމުގައި ބައިވެރިވުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާ ކަމަށެވެ.

"މިއަދު ހަވީރު 5:00 އާ ހަމަޔަށް އެ އެކްސްޕޯއަށް ޒިޔާރަތްކުރާ ފަރާތްތަކުގެތެރެއިން ނަސީބުވެރި ފަރާތްތައް ހޮވާނެ. އެތަނުގައި ރަޖިސްޓްރީކޮށްލައިގެން އެ ވިޔަފާރިއެއް ކޮލިފައި ވެގެންދާނީ. އެއް ބިޒްނަސް އަކުން އެކަކަށްވުރެ ގިނަ ބޭފުޅުންނަށްވެސް ބައިވެރިވެވޭނެ" ފާރިޝް ވިދާޅުވިއެވެ.

އެ އެކްސްޕޯގައި މައުލޫމާތުދޭން ތިބޭނީ އެކަމަށް ގާބިލު ކުދީން ކަމަށާއި އެ އެކްސްޕޯގައި ތިން ރިލޭޝަންސްޝިޕް ޓީމެއް ހަރަކާތްތެރިވާ ކަމަށާއި އޭގެތެރޭގައި ކޯޕަރޭޓްސް، މާޗަންޓް ސާވިސަސް އަދި ޕްރިމިއަމް ބިސްޒްނަސް ހިމެނޭ ކަމަށް ފާރިޝް ވިދާޅުވިއެވެ.

"ކޮންމެ ރިލޭޝަންސް ޓީމެއްގައިވެސް ގާތްގަނޑަކަށް ފަސް ވަރަކަށް ކުދިން ރިލޭޝަންޝިޕް މެނޭޖާސް އަށް ތިބޭނެ، ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ރީޗްއައުޓް ކޮށްލެވޭނެ." ފާރިޝް ވިދާޅުވިއެވެ.

އެކްސްޕޯއަށް ނުދެވޭ ވިޔަފާރިތަކަށް ބީއެމްއެލްގެ ސޯޝަލް މީޑިއާތަކުން މައުލޫމާތު ލިބޭނެ ކަމަށާއި ރާއްޖެ ކަހަލަ ޖަޒީރާ ގައުމަކަށް ބޭންކިން ހިދުމަތް ދެނީ ހުރިހާ ކަސްޓަމަރުންނަށްވެސް ލުއިފަސޭހަ އިންތިޒާމުތަކެެއް މެދުވެރިކޮށް ޑިޖިޓަލްކޮށްކަމަށް ވެސް ބީއެމްއެލްއިން ފާހަގަކުރިއެވެ.

"ކޮންމެ ވިޔަފާރި އަކަށްވެސް މި އެކްސްޕޯގައި ދައްކާލެވިފައި ހުރި ޕްރޮޑަކްޓަސްތައް ބޭނުންކުރެވޭނެ. ހުރިހާ ވައްތަރެއްގެ ވިޔަފާރިއެއް ހިންގަވާ ބޭފުޅުންނަށްވެސް ދައުވަތު އަރުވަން. ވިޔަފާރިތަކުގައި ދިމާވާ އުނދަގޫތައް އަޅުގަނޑުމެންނަށް (ބީއެމްއެލް)އަށް ދޭހަވެ، އެކަމަށް ރަނގަޅު ހައްލެއްގެ ތެރެއިން ފަހިކޮށްދެވޭނެ." ފާރިޝް ވިދާޅުވިއެވެ.

ވިޔަފާރިތަކަށް ފައިސާގެ ބޭނުންތައް ބެލެހެއްޓުމަށް ރައްކާތެރި އަދި ފަސޭހަ ބަދަލެއް ކަމަށްވާ މާސްޓާކާޑް ބިޒްނަސް ޕްރީޕެއިޑް ކާޑުގެ ސަބަބުން ވިޔަފާރިތަކަށް ފަސޭހައިން ގަންނަ ތަކެތި ޓްރެކްކޮށް ކޮންމެ ދުވަހަކު ކުރާ ކުދިކުދި ހަރަދުތައް ވަކިން ބެލެހެއްޓޭނެ އެވެ. ކުދި ވިޔަފާރިތަކުގެ މުވައްޒަފުންނަށް އަމަލީ ގޮތުން ފައިސާ ދެއްކުމުގެ ހައްލެއް ލިބި، ކާޑުން ކުދި އޯވަހެޑްތަކާއި މުވައްޒަފުންގެ ހަރަދުތައް ބެލެހެއްޓުމުގައި ބޮޑު ކޮންޓްރޯލެއް ލިބެއެވެ.

"ކުދި ވިޔަފާރިތަކަށް އިނޮވޭޓިވް އޮލްޓަނޭޝަނެއް ތައާރަފުކުރުމަށް އަނެއްކާވެސް އަޅުގަނޑުމެންގެ ކާޑު ޕާޓްނަރު މާސްޓާކާޑާ ގުޅިގެން މަސައްކަތް ކުރަން ލިބުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. އަޅުގަނޑުމެންގެ އާ މާސްޓާކާޑް ބިޒްނަސް ޕްރީޕެއިޑް ކާޑަކީ ވިޔަފާރިވެރީންނަށާއި އެފަރާތްތަކުގެ ކުރިއަރަމުން އަންނަ ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް،" ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވި އެވެ.