ސަރުކާރުން މިއަދު އިފްތިތާހުކުރި "ހިޔާވެހި ފައިނޭންސިން ސްކީމް"ގެ ދަށުން އަހަރަކު ދެ ބިލިއަން ރުފިޔާ ހައުސިން ލޯނުގެ ގޮތުގައި ދޫކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ހިޔާވެހި ފައިނޭންސިން ސްކީމް" އަކީ ފަސް ޕަސަންޓް އިންޓްރެސްޓް ރޭޓުގައި ހައުސިން ލޯނުތައް ލިބިގެންދާނެ ސްކީމެއް ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. ފަސް ޕަސެންޓުގައި ހައުސިން ލޯނުތައް ދޫކުރަން ފެށުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

އެ ސްކީމް އިފްތިތާހު ކޮށްދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ސްކީމުގެ ބަޖެޓުގައި ކޮންމެ އަހަރަކު އެއް ބިލިއަން ރުފިޔާ ހިމަނުއްވާނެ ކަމަށެވެ. ރައީސް ވިދާޅުވީ އެ ސްކީމް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާނެ ކަމަށެވެ.

"މި އަހަރު މި ފާސްކުރަން ހުށަހަޅައިފައި އޮތް މި އަންނަ އަހަރުގެ ބަޖެޓުގެ، 2025ގެ ބަޖެޓުގައި، މި ސްކީމް، މިއަދު މި އިއުލާނުކުރި ސްކީމް ކުރިއަށް ގެންދިއުމަށް އެއް ބިލިއަން ރުފިޔާ ސަރުކާރު ބަޖެޓުން ކަނޑައަޅައިފައިވާނެ،" ރައީސް ވިދާޅުވިއެވެ.

"އެއް ބިލިއަން ރުފިޔާ އިންވެސްޓުކުރެވިގެން ހަރަދުކުރެވިގެންދާނީ މި ރޭވިފައި އޮތް ގޮތުން ކަމުގައިވާތީވެ އިފެކްޓިވްލީ ހަގީގަތުގައި ދެ ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު މި ސްކީމްގެ ދަށުން ދެންމެ މި އިއުލާނުކުރެވުނު އެއް ބިލިއަން ރުފިޔާގެ ކެޕްގެ ދަށުގައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖެއަށް ދިމާވެފައިވާ އިޖުތިމާއީ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެ މަނިކުފާނުގެ ސަރުކާރުން ދަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ހާއްސަ ސަމާލުކަމެއް ދީގެން މަސައްކަތް ކުރަމުން ކަމަށެވެ.

މިއަދު އެ މަނިކުފާނު އިފްތިތާހުކޮށްދެއްވި "ހިޔާވެހި ފައިނޭންސިން ސްކީމް"ގެ ސަަބުން ގެދޮރު ބިނާކުރުމުގެ މާލީ ފުދުންތެރިކަން ނެތް މީހުންނަށް މާލީ އެހީލިބި ގެދޮރު އިމާރާތް ކުރުމަށް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރައީސް ރައީސް ވިދާޅުވިއެވެ.

ހިޔާވެހި ފައިނޭންސިން ސްކީމްގައި އެހީ ދޭނީ ބިން އޮވެ ގެދޮރު ނޭޅިވާ މީހުންނަށާއި، މުޅިން އަލަށް ގެދޮރު އިމާރާތްކުރުމަށާއި އަޅަން ފަށާ ނުނިމި ހުރި އިމާރާތްތައް ނިންމުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. އޭގެ އިތުރުން މިހާރު އިމާރާތް އަޅާ މަރާމާތަށް ބޭނުންވެފައި ފަރާތްތަކަށް ވެސް ލޯނު ދޫކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގެ ކަންކަން ފިޔަވައި ދެން އެންމެ އިސްކަމެއް ދެއްވަނީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ކަމަށެވެ.

ދައުރު ނިމޭއިރު އެ މަނިކުފާނު ދެކެވަޑައިގަންނަވަން ބޭނުންފުޅުވަނީ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ލިބި ގެދޮރުވެރިކަން ނެތް އެެއްވެސް ރައްޔިތަކު ނެތް މަންޒަރު ކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.