ޒަމާންތަކެއް ވަންދެން މާލޭގައި ހިންގި ސެންޓާ ފޯ ހަޔާ ސެކެންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިމާރާތް، އަލުން ރަސްމީކޮށް ހުޅުވައިފިއެވެ.

މަރާމާތުތަކަކަށްފަހު އެ ސްކޫލު އަލުން ހުޅުވީ މިރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. "ސީއެޗްއެސްއީ މާލެ"ގެ ނަމުން އެ ސްކޫލު ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

ސީއެޗްއެސްއީ ޒަމާންތަކެއް ވަންދެން ހިންގަމުން އައީ އަމީނިއްޔާ ސްކޫލުގެ ބިއްދޮށުގައި ހުންނަ އިމާރާތުގައެވެ. އެކަމަކު އެ އިމާރާތް ބޭނުންކުރުން މިދިޔަ އަހަރުގެ އޮގަސްޓް މަހު ހުއްޓާލުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސީއެޗްއެސްއީ ހުޅުމާލޭގައި އަލަށް ހެދި އިމާރާތަކަށް ބަދަލުކޮށްފައެވެ.

ހުޅުމާލެއަށް ސްކޫލު ބަދަލުކުރުމުން އެކަމާ އުނދަގޫތަކެއް ކުރިމަތިލާން ޖެހޭ ކަމަށްބުނެ، ބެލެނިވެރިން ވަނީ ގިނަ ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ދަރިވަރުން ހުޅުމާލެއަށް ދާން ޖެހުމުގެ ތަކުލީފު އުފުލަން ޖެހޭ ކަމަށްބުނެ ޝަކުވާ ހުށަހެޅުމުން، ސަރުކާރުން ވަނީ ހުޅުމާލޭގެ އިތުރުން މާލޭގެ ސްކޫލުގައި ވެސް ކިޔަވައިދޭގޮތަށް ހަމަޖައްސައިފައެވެ.

"ސީއެޗްއެސްއީ މާލެ" ހުޅުވާފައިމިވަނީ އިމާރާތުގެ ގިނަ މައްސަލަތަކެއް ހައްލުކޮށް، މަރާމާތުކުރުމަށްފަހުއެވެ. އެގޮތުން ސްކޫލުގެ ހުރިހާ ކްލާސްރޫމެއް ވަނީ އޭސީ ކޮށްފައެވެ. ރަސްމީކޮށް ސްކޫލު ހުޅުވުމުގެ ކުރިން މިދިޔަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އިމާރާތުގައި ވަނީ ކިޔަވައިދޭން ފަށައިފައެވެ.

އޭ ލެވަލްގެ ތައުލީމަށް ހާއްސަކޮށްގެން އެ ސްކޫލު ފުރަތަމަ ހުޅުވާފައިވަނީ 1979 ވަނަ އަހަރުއެވެ. އެ ސްކޫލު އޭރު 30 ދަރިވަރުންނާއެކު ފެށީ ސައިންސް އެޑިއުކޭޝަން ސެންޓަރު (އެސްއީސީ)ގެ ނަމުގައެވެ. އެ ނަމުގައި ކިޔަވައިދިން އިރު، އެ ސްކޫލުން 1997 ވަނަ އަހަރު ރައީސް މުއިއްޒު ވެސް ތައުލީމު ހާސިލުކުރެއްވިއެވެ.

ސީއެޗްއެސްއީގެ ނަމަށް ސްކޫލުގެ ނަން ބަދަލުކޮށްފައިވަނީ 2000 ވަނަ އަހަރުއެވެ. މިހާތަނަށް އެ ސްކޫލުން 20،160 ދަރިވަރުން ގްރެޖުއޭޓް ވެފައިވާ އިރު، އެ ސްކޫލުގެ 247 ދަރިވަރަކަށް ރައީސްގެ ސްކޮލާޝިޕް ލިބިފައިވެއެވެ.