އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ހިިދުމަތް ދ. ކުޑަހުވަދޫގައި ފަށަން ތައްޔާރުވެއްޖެއެވެ.

ހޯމް މިނިސްޓްރީން މިއަދު ބުނީ، އެއީ މާލެ ފިޔަވައި އަތޮޅުތެރޭގެ ރަށެއްގައި އައިޑީ ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ދޭން ފަށާ ދެވަނަ ރަށް ކަމަށެވެ.

މީގެ ކުރިން އެ ހިދުމަތް ދެމުން އައީ ވެލާނާގެ ބިލްޑިންގުގައި ހުންނަ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ އޮފީހުންނާއި ގއ. ވިލިނގިލީގައެވެ. ޑީއެންއާރުން ބުނީ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ހިދުމަތް ދ. ކުޑަހުވަދޫގައި މާދަމާގެ ވަގުތެއްގައި ފަށާނެ ކަމަށާއި އެ ހިދުމަތް ދޭން ފަށަނީ ދ. އަތޮޅު ކައުންސިލްގެ އެހީތެރިކަމާއެކީގައި ކަމަށެވެ. އެ ހިދުމަތް ކުޑަހުވަދޫގައި ފައްޓަވައިދެއްވާނީ ހޯމް މިނިސްޓަރު އަލީ އިހުސާން އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ހިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އައިޑީ ކާޑުގެ ހިދުމަތް ދިނުމަށް ބޮޑު ހޭދައެއްވާއިރު، އެކަމަށް ބޭނުންވާ މެޝިނަރީޒް ލިބެމުންދާވަރަކުން ހިދުމަތް ދިނުމަށް ހޯމް މިނިސްޓްރީން އަންނަނަނީ މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ މައުލޫމާތު އެއްކޮށް އެއްތަނަކުން ބެލެހެއްޓުމުގެ މަސައްކަތް 1984 ވަނަ އަހަރު ފެށީ އައިޑެންޓިޓީ ކާޑު ޔުނިޓުންނެވެ. އެއަށްފަހު އެ އޮފީހުގެ ނަން ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނަށް ބަދަލުކުރީ 11 ނޮވެމްބަރު 1993ގައެވެ.

ޑީއެންއާރުގެ 174 ކަލެކްޓިން ސެންޓަރު ގާއިމު ކޮށްފައިވާއިރު ފުރަތަމަ ފަހަރަށް އޮންލައިންކޮށް އައިޑީކާޑު ހެދުމުގެ މަަސައްކަތް ފެށީ ކޮވިޑާ ގުޅިގެން 2021 ގައެވެ. ކުރިން ބޭނުން ކުރަމުން އައި އޮންލައިން ޕޯޓަލްގެ ބަދަލުގައި ޑީއެންއާރު އޮންލައިން ޕޯޓަލްއެއް ގާއިމުކޮށް އަމިއްލައަށް ކާޑަށް ހުށަހެޅޭ ގޮތް ހަމަޖެހުނީ މިދިޔަ އަހަރުގެ މާޗު މަހުގެ ތެރޭގައެވެ. އަދި ކާޑު ޕްރިންޓުކުރުމަށް ފަހު، ޑީއެންއާރުން އެ މީހަކު ހުރި ރަށެއްގެ ކައުންސިލަށް ކާޑު ފޮނުވޭނެ ހިދުމަތް ތައާރަފކުރިއެވެ.