ބަންގްލަދޭޝްގައި އުފައްދާ ގާމެންޓްގެ ބާވަތްތައް ރާއްޖެ މެދުވެރިކޮށް އެ ގައުމުން އެކްސްޕޯޓް ކުރަން ފެށުމާއި ގުޅިގެން މަހަކު އެތެރެކުރާ ކޮންޓެއިނަރުގެ އަދަދު ދެގުނަ ވެއްޖެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ވަޖީހު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެވްރެޖު ގޮތެއްގައި މީގެ ކުރިން ރާއްޖެއަށް އެތެރެކޮށްފައިވަނީ މަހަކު 50 ކޮންޓެއިނަރު ކަމަށްވިޔަސް މިހާރު އެ އަދަދު 90 އިން މައްޗަށް އަރާފައިވާ ކަމަށެވެ. ކޮންޓެއިނަރުގެ އަދަދު އިތުރުވުމުގެ ސަބަބުން އެމްޕީއެލްއަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.

ވަޖީހު ވިދާޅުވީ ކޮންޓެއިނަރުގެ އަދަދު އިތުރުވެފައިވަނީ "ސީ ޓު އެއާ ކާގޯ" ހިދުމަތުގެ ސަބަބުން ކަމަށެވެ.

"ރާއްޖޭގައި މި ހިދުމަތް ފެށިފަހުން މިކަމަށް ލިބޭ ތަރުހީބު ބޮޑުވެ، މިވީ ކުޑަ ދުވަސްކޮޅު ތެރޭ، މި ހިދުމަތުގެ ޑިމާންޑު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ނިމިދިޔަ އޮކްޓޯބަރު މަހު އެކަނިވެސް 96 ކޮންޓެއިނަރު (418 ޓަނުގެ މުދާ/349،946 ދާގިނާ) ގެ މުދާ ވަނީ ވައިގެ މަގުން ރާއްޖެއިން ބޭރަށް ފޮނުވައިފައެވެ. މި މަސައްކަތުގައި މި ވަގުތު ރާއްޖެއަށް ދަތުރުކުރާ ހަތް އެއާލައިނަކުން ބައިވެރިވޭ" ވަޖީހު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖޭގައި އެ ހިދުމަތް ފުޅާވެ، އެކަމުގެ ޑިމާންޑު ބޮޑުވަމުންދާތީ އެ ވިޔަފާރީގައި އުޅޭ މި ސަރަހައްދުގެ ބައެއް ގައުމުތައް ކަންބޮޑުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ބަންގުލަދޭޝް އިން މީގެ ކުރީން ގާމެންޓްސް ޔޫރަޕަށް އެކްސްޕޯޓް ކުރަމުން ގޮސްފައިވަނީ އިންޑިއާއި ސްރީ ލަންކާ މެދުވެރިކޮށެވެ.