ރާއްޖޭގައި ކުރިއަށްގެންދާ އިގުތިސާދީ މަސައްކަތްތަކާއި އެ މަސައްކަތްތައް ކުރާ ފަރާތްތަކުގެ އަދަދުތަކާއި މިންތީގެ ނިސްބަތުގެ އިތުރުން އެފަދަ ގިނަ މައުލޫމާތު ހޯދައި އެއްކުރުމުގެ މަސައްކަތް "ދިވެހިރާއްޖޭގެ އިގުތިސާދީ ފުރަމަލަ 2025" ގެ ނަމުގައި ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ތައާރަފުކޮށްފިއެވެ.
ބީސީސީން އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ މަސައްކަތް އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
ބީސީސީން ކުރިއަށްގެންދާ އެ މަސައްތަކީ މުޅިރާއްޖެ ހިމެނޭހެން ގައުމީ މަސައްކަތެއްގެ ގޮތުގައި މުޅި ގައުމުގެ އިގުތިސާދީ ފުރަމަލައެއް ގާއިމުކުރުމުގެ މަސައްކަތް ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ބީސީސީން ބުނީ އެ މަސައްކަތުގެ ދަށުން މައުލޫމާތު އެއްކުރުމަށްޓަކައި އެކިއެކި އިދާރާތަކުން އެއްކޮށްފައި ހުރި މައުލޫމާތުގެ އިތުރުން، އެ ކޯޕަރޭޝަންގެ ޓީމުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެންމެ އަދާހަމަ މައުލޫމާތު ހޯދުމުގެ މަސައްކަތްކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް އަމަލީގޮތުން ހއ. އަތޮޅުގައި މި މަހުގެ ތެރޭގައި ފަށާނެ ކަމަށާއި އަމާޒަކީ އަންނަ އަހަރުގެ މެދަކާ ހަމައަށް ދާއިރު މުޅި ރާއްޖޭގެ ފުރިހަމަ އިގުތިސާދީ ފުރަމަލައެއް އެކުލަވައިލައި އިފްތިތާހުކުރުން ކަމަށް ބީސީސީން ބުންޏެވެ.
އެ މަސައްކަތުގެ ސަބަބުން ގައުމެއް، ސިޓީއެއް، އަތޮޅެއް ނުވަތަ ރަށެއްގެ ނިސްބަތުން އެ ތަންތަން ހިންގުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކަށް އެންމެ ފުރިހަމަ މައުލޫމާތާއެކު ނިންމުންތައް ނިންމުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީސީސީން ބުންޏެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ސައީދު ވަނީ، އެ މަސައްކަތުގައި ވަރަށް ފަރުވާތެރިކަމާއިއެކު ކޮންމެ ރަށެއް ވަރަށް ރަނގަޅަށް މޮނިޓާ ކުރެވި، ދިރާސާ ކުރެވިގެން އެ ރަށެއްގައި މިހާރު ހިނގާ އިގުތިސާދީ ހަރަކާތްތަކަކީ ކޮބައިކަމާއި އެ ރަށެއްގައި ކުރެވިދާނެ އިގުތިސާދީ ކަންތައްތަކަކީ ކޮބައިތޯ ބެލުމާއި ރާއްޖޭގައި އުފައްދާ އެކިކަހަލަ މުދާ ނުވަތަ އުފެއްދިދާނެ ތަކެތި އެކްސްޕޯޓްކުރުމަށްޓަކައި އެ ރަށެއްގައި ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯ ވަރަށް ފަރުވާތެރިކަމާއެކު ދިނުމަށް މިނިސްޓަރު ސައީދު އެދިވަޑައިގެންފައެވެ.
ރަސްމިއްޔާތުގައި ބީސީސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ސާމިހް އާދަމް ވިދާޅުވީ، އެ މަސައްކަތުގެ ސަބަބުން އިތުރު އެހީތެރިކަމަށް ބޭނުންވާ ކުދި ވިޔަފާރިތައް ދެނެގަނެވި ހާއްސަ ހިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވެވޭނެ ކަމަށެވެ. އަދި މުސްތަގުބަލުގައި ވިޔަފާރިއާއި އިގުތިސާދީ ދާއިރާގެ ހިދުމަތްތައް ބައްޓަންވާނީ މި މަސައްކަތުގެ މައްޗަށް ކަމަށާއި، އެ މަސައްކަތް ނިމުމުން ރާއްޖޭގެ އިގުތިސާދަށް އޭގެ ފައިދާއާއި މަންފާ ވަރަށް ބޮޑުވާނެ ކަމަށެވެ.
ވަކިން ހާއްސަކޮށް އެހީތެރިކަމަށް ބޭނުންވާ ކުދި ވިޔަފާރިތައް ދެނެގަނެވި އެ ވިޔަފާރިތަކަށް އިތުރު އެހީ ފޯރުކޮށްދޭން ފަސޭހަވާނެ ކަމަށާއި އިގުތިސާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އެހެން އިދާރާތަކަށްވެސް އޭގެ ބޭނުން ހިފޭނެ ކަމަށްވެސް ސާމިހު ވިދާޅުވިއެވެ.
ބީސީސީން ބުނީ ރާއްޖޭގެ އިގުތިސާދުގައި ކުޑަ މިންވަރަކަށް ނަމަވެސް ބައިވެރިވާ ކޮންމެ ފަރާތެއްވެސް ޝާމިލުވާ ފަދަ ފުރަމަލައެއް ތައްޔާރު ކުރުމަކީ އެ ކޯޕަރޭޝަނުން އެންމެ އަހަންމިއްޔަތު ކަމެއްދޭ އެއް މަަސައްކަތް ކަމަށާއި ކޮންމެ ރައްޔިތެއްގެ، ކިތަންމެ ކުޑަ ނަމަވެސް އިގުތިސާދީ ކަމެއް ނަމަ އެ ކަމެއް ވެސް އެ މަސައްކަތުގައި ގުނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު