މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ 11 ވަނަ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު ދީފައިވަނީ އެމްއެމްސީގެ އެވޯޑް ދިނުމުގެ އުސޫލާއި މަގުސަދުތަކާ ހިލާފަށް ކަމަށް 11 ވަނަ ނޫސްވެރިކަމުގެ އިނާމުގެ ފަނޑިޔާރުންގެ މަޖިލީހުން ބުނެފިއެވެ.

އެ ފަނޑިޔާރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނީ މުހައްމަދު ސަލީމް، ޝައްމާން ޝާކިރު، ހަސަން އާމިރު، ފާތިމަތު އަޝްވާ ފަހީމާ، އަބްދުﷲ ނައީމް އިބްރާހިމް އަދި އަބްދުﷲ އަޒްމީންއެވެ. އެނގިފައިވާ ގޮތުގައި އެ ފަނޑިޔާރުންގެ ތެރެއިން އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމަށް ހުށަހެޅި ވީޑިއޯތަކަށް ފަނޑިޔާރުކަން ކުރީ ޝައްމާން، އަޒްމީން އަދި އަޝްވާއެވެ.

އެ ފަނޑިޔާރުންގެ މަޖިލީހުން ރޭ ނެރުނު ނޫސްބަޔާނެއްގައި ވަނީ އެމްއެމްސީގެ އޯޑިއޯ ވީޑިއޯ ކެޓަގަރީގެ ތަހުގީގީ ނޫސްވެރިކަމުގެ އިނާމު އުސޫލާ ހިލާފަށް ދިންކަން ބަޔާންކޮށް ހަތް ކަމެއް ފާހަގަކޮށްފައެވެ.

  • - ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑް ދީފައިވާ އުފެއްދުމަކީ ދިވެހި މީޑިއާގެ އަހުލާގީ މިންގަނޑުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށް ބެލުމެއް ނެތި ޝާއިއު ކޮށްފައިވާ ކޮންޓެންޓެއް ކަމާއި އެކަން ނުކުރުމަށް އެމްއެމްސީން ބަޔާނެއް ނެރެފައި އޮތުން
  • - އެ އުފެއްދުން ބަލައިގަނެ، އެވޯޑް ނޮމިނޭޓްކޮށް، ފަނޑިޔާރުންގެ މޭޒަށް ހުށަހަޅާފައިވަނީ އެމްއެމްސީން ބަލަންވާ ވަރަށް ނުބަލައިކަން. އެހެންކަމުން އެ އުފެއްދުން ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭ
  • - މިކަމާ ގުޅޭގޮތުން ފަނޑިޔާރުން އުފެއްދި ސުވާލުތަކަށް ކައުންސިލުން ޒިންމާދާރު ކަމާއެކީ ޖަވާބުދާރީވެފައިނެތުން
  • - އޯޑިއޯ، ވީޑިއޯ ދާއިރާއިން ތަހުގީގީ ނޫސްވެރިކަމުގެ އެވޯޑަށް އިންސާފު ކުރުމަށް ފަނޑިޔާރުން ދީފައިވާ ރުބްރިކުގައި 80 ޕަސެންޓް ފަރުމާކޮށްފައި އޮތީ ވީޑިއޯ އުފެއްދުމުގެ ޓެކްނިކަލް ކޮލިޓީސްތަކަށް މާކްސް ދޭންޖެހޭ ގޮތަށް. މިހެންވެ ތަހުގީގީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސް ދޭނެ އެއްވެސް ގޮތެއް ނެތް
  • - ހުށަހަޅާފައިވާ ހުރިހާ އުފެއްދުންތައް އެވޯޑްގެ ޖުމުލަ ފަނޑިޔާރުންގެ ޕެނަލަށް ހިއްސާ ކޮށްފައިނުވާކަން
  • - މީގެ ކުރީގެ އަހަރުތަކުގައި ފަނޑިޔާރުންގެ ނިންމުންތައް، ކައުންސިލާ ހަވާލުކުރުމުގެ ބަދަލުގައި، މާކްސްދީ ނިމުމުން ހަވާލުކުރަނީ ސިޓީ އުރައިގައި ބަންދުކޮށް، ސީލްކޮށް އެކަމަށް ކަނޑައަޅައިފައިވާ އޮޑިޓް ފާމަށް. މިފަހަރު މިއިން އެއްވެސް ކަމެއް ކޮށްފައި ނެތް

އުމަރު ޒާހިރު ބިލްޑިންގައި މިދިޔަ ބުރަ ދުވަހު ބޭއްވި އެވޯޑު ހަފުލާގައި ތަހުގީގީ ދާއިރާގެ އެވޯޑް ލިބުނީ އަދަދު ނޫހުން ގެނެސްދިން "ޖީ ސްކީލާން" ޑޮކިއުމެންޓްރީ އަށެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާތީ ދިރިއުޅުއްވުމާ ގުޅުވައިގެން ގެނެސްދިން ޑޮކިއުމެންޓަރީއެކެވެ.