މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނޫސްވެރިކަމުގެ އިނާމުދިނުމުގެ ހަފުލާގައި އާންމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް ދައްކާފައިވާ ކަމަށްބުނެ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.

އުމަރު ޒާހިރު ބިލްޑިންގައި ރޭ ބޭއްވި އެވޯޑު ހަފުލާގައި ތަހުގީގީ ދާއިރާއަށް ނޮމިނޭޓުވި އުފެއްދުންތަކުގެ ތެރެއިން، އަދަދު ނޫހުން ގެނެސްދިން "ޖީ ސްކީލާން" ޑޮކިއުމެންޓަރީގެ ވީޑިއޯއެއް ވަނީ ދައްކައިފައެވެ. އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒާތީ ދިރިއުޅުއްވުމާ ގުޅުވައިގެން ގެނެސްދިން ޑޮކިއުމެންޓަރީއެކެވެ. އެ ދާއިރާގެ އެވޯޑު ލިބުނީ ވެސް އެ އުފެއްދުމަށެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ އެވޯޑު ހަފުލާ އެ މީޑިއާ އިން ލައިވްކޮށް ދުރަށް ދައްކަމުންދިޔަ އިރު، ހަފުލާގެ ތެރޭގައި އެޑިޓޯރިއަލް ކޮންޓެންޓާ ހިލާފު އަދި ނޫސްވެރިކަމުގެ އާންމު މިންގަނޑުތަކާ ހިލާފު ވީޑިއޯއެއް އެ ހަފުލާ އިންތިޒާމުކުރި އެމްއެމްސީން ދައްކާފައިވާ ކަމަށެވެ.

"ޕަބްލިކް ސާވިސް މީޑިއާގެ ތަސައްވުރު ރައްޔިތުން ކުރިމަތީގައި ގެއްލޭ ފަދަ އަމަލެއް މޯލްޑިވްސް މީޑިއާ ކައުންސިލުން ހިންގާފައިވާތީ، އެ މައްސަލަ ބައްލަވައިދެއްވުން އެދި މި ކުންފުނީގެ ފަރާތުން މިހާރު ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ..،" ޕީއެސްއެމްގެ ބަޔާނުގައި ބުންޏެވެ.

ޕީއެސްއެމުން ބުނީ އެވޯޑު ލިބޭ ކެޓަގަރީތަކާއި އެ ކެޓަގަރީތަކަށް ނޮމިނޭޓްވެފައިވާ ފަރާތްތަކާއި އެވޯޑު ލިބޭ ފަރާތްތައް ދުރާލައި އެމްއެމްސީއަށާއި އެ ކައުންސިލުގެ އިސްވެރިންނަށް އެނގިވަޑައިގަންވާނޭ ކަމަށް ދެކޭ ކަމަށާއި ލައިވް ކަވަރޭޖު ހަދާ ހަފުލާތަކުގައި ދައްކާ ވީޑިއޯ ފުޓޭޖުތަކަކީ ޕީއެސްއެމްގެ އެޑިޓޯރިއަލަށް ފެތޭ ކޮންޓެންޓަށް ވާން ޖެހޭނެ ކަމަށެވެ. އަދި ކުރިން އެންގުމެއްނެތި ކުއްލިއަކަށް ހަފުލާގެ ތެރޭގައި އެ ވީޑިއޯ ދެއްކީ ގަސްތުގައި ރާވައިގެން، އެޑިޓޯރިއަލް އުސޫލާ ހިލާފު ކޮންޓެންޓު ދެއްކުމަށް އެމްއެމްސީން ކުރި ކަމެއް ކަމަށް އެ މީޑިއާ އިން ބުންޏެވެ.

އެކަމަކީ އެ މީޑިއާއަށް ރައްޔިތުން ކުރަމުން އަންނަ އިތުބާރު ގެއްލި، ކުންފުނީގެ މައްޗަށް އޮތް ގާނޫނީ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅި، އިއާދަނުކުރެވޭނެ ވަރުގެ ގެއްލުން ލިބިދާނެ ފަދަ އަމަލެއް ކަމުގައި ދެކޭ ކަމަށާއި އެމްއެމްސީއަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާތައް ޒިންމާދާރުކަމާއެކީ އަދާކުރުމަށާއި އެންމެހާ ފަރާތްތަކުގެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކުރާ ކަމަށް ޕީއެސްއެމުން ބުންޏެވެ.

ޕީއެސްއެމުން މިއަދު ވަނީ އެމްއެމްސީގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހުމަދު މުސްތަފާ، އެ މީޑިއާގެ ވަޒީފާއިން ވެސް ވަކިކޮށްފައެވެ. މުސްތަފާ ވަނީ ޕީއެސްއެމްގައި 30 އަހަރުގެ މުއްދަތަކަށް ހިދުމަތްކުރައްވައިފައެވެ.

އެމްއެމްސީގެ ރައީސްކަމުގެ މަގާމަށް މުސްތަފާ އިންތިހާބުވެވަޑައިގެންނެވީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ޕީއެސްއެމް ތަމްސީލުކުރެއްވުމަށް އެމްއެމްސީއަށް އިންތިހާބުވެވަޑައިގެންނެވި މުސްތަފާގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ހަމަވާނެއެވެ.