ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގުވަޒަންކޮށް އެ މުވައްޒަފުންނަށް ލޯންގް ސާވިސް އެވޯޑު ދީފިއެވެ.

އެ އެވޯޑު ހަވާލުކުރުމަށް މިރޭ ބޭއްވި ހަފުލާގައި ބީއެމްއެލްއަށް 15، 20، 25، 30 އަދި 35 އަހަރުގެ މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ 29 މުވައްޒަފުންނަށް އެވޯޑު ހަވާލުކުރެވުނެވެ.

ބީއެމްއެލްއަށް 35 އަހަރު ހިދުމަތްކޮށްދިނުމުން ހާއްސަ އެވޯޑު ދީފައިވަނީ އަމްޝޫދާ ނައީމް (ސްވިފްޓް ސާވިސް މެނޭޖަރު)، އައިމިނަތު ނަސީމް (ކަސްޓަމާ ސާވިސް މެނޭޖަރު) އަދި އާއިޝަތު ޝާދުނާ (މެނޭޖަރު، ޗެކް ޕްރޮސެސިން) އަށެވެ. އޭގެ އިތުރުން 30 އަހަރުގެ މުއްދަތަކަށް ބޭންކަށް ހިދުމަތްކޮށްދިނުމުން، ފާތިމަތު ހުސައިން (ކަސްޓަމާ ސާވިސް އޮފިސަރު)، ފާތިމަތު މުހައްމަދު (މެނޭޖަރު، އެޖެންޓް ބޭންކިން) އަދި މަރިޔަމް ހަމީދު (ޗީފް ކޮމްޕަލަޔަންސް އޮފިސަރު) އަށް ބޭންކަށް ހިދުމަތްކުރުމުގެ އެވޯޑު ވަނީ ދީފައެވެ.

އެ ހަފުލާގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޭންކަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދީފައިވާ އެ މުވައްޒަފުން މަސައްކަތަށް ދޭ އަހުމިއްޔަތުކަމާއި ވަޒީފާގައި ދިގު މުއްދަތަކަށް ވަފާތެރިކަމާއެކު ދެމިހުރިކަމަށްޓަކައި އެކަމުގެ އަގުވަޒަންކޮށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އަދި ފާއިތުވި 35 އަހަރުގެ ދިގު މުއްދަތަކަށް ހީވާގިކަމާއެކު މަސައްކަތްކޮށްދެއްވިކަމަށްޓަކައި އަމްޝޫދާ، އާމިނަތު އަދި ޝާދުނާއަށް ހާއްސަ ޝުކުރެއް ދަންނަވަން،" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ ބޮޑު، އަދި ދިވެހިންނަށް އެންމެ ގިނަ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައިވާ ބޭންކު، ބީއެމްއެލުން ބުނީ ބޭންކުގައި މިވަގުތު ވަޒީފާ އަދާކުރަމުންދާ މުވައްޒަފުންގެ 99 އިންސައްތައަށްވުރެ ބޮޑު އިންސައްތައެއް ހިއްސާކުރަނީ ދިވެހީން ކަމަށާއި ބޭންކުގެ މުވައްޒަފުންނަށް ވަޒީފާގެ ފުރުސަތާއި މަސައްކަތަށް ބޭނުންވާ ތަމްރީނުދިނުމާއި އިންސާނީ ހުނަރު ތަރައްގީކުރުމާއި ވަޒީފާގެ ކުރިއެރުންތައް ފޯރުކޮށްދެވޭ ކަމަށެވެ.

ބީއެމްއެލްގައި ވަޒީފާ އަދާކުރާ އެންމެ ރަނގަޅު މުވައްޒަފުންގެ އަގުވަޒަންކޮށް އެފަރާތްތަކުގެ ހިދުމަތްތައް ފާހަގަކުރުމަށް އެ ބޭންކުން އަންނަނީ ސްޓާފް އެވޯޑު އަދި ލޯންގް ސާވިސް އެވޯޑު ފަދަ ހަރަކާތްތައް ބާއްވަމުންނެވެ.