ކޫއްޑޫ އެއާޕޯޓުގެ ރަންވޭގެ މަރާމާތުގެ މަސައްކަތް ނިންމައި، އެ އެއާޕޯޓަށް އަލުން ދަތުރުތައް ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެފައިވާ ގޮތުގައި، މޯލްޑިވިއަން އިން ކޫއްޑުއަށް ދަތުރުތައް ހުއްޓާލަން ނިންމީ ދިގު މުއްދަތެއްގައި އެއާޕޯޓް މެއިންޓެއިން ނުކުރެވި އަދި ރަންވޭގެ ހާލަތުގެ ސަބަބުން، މޯލްޑިވިއަންގެ ދެ ބޯޓަކަށް ގެއްލުންވުމާ ގުޅިގެން ކަމަށެވެ.
މޯލްޑިވިއަންގެ ވެބްސައިޓުން އެނގޭ ގޮތުގައި ކޫއްޑުއަށް އެ އެއާލައިންގެ ޝެޑިއުލް ދަތުރުތައް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ދުވާލަކު ދެ ދަތުރު އޮންނާނެއެވެ.
މިނިސްޓަރު އަމީން މީގެ ކުރިން "ވަން" އަށް ވިދާޅުވި ގޮތުގައި ކޫއްޑޫ އެއާޕޯޓުގެ ރަންވޭ އޮތީ މެއިންޓަނެންސް ކުރަން ޖެހޭ ވަރަށް ނުކޮށެވެ. އެކަމުގެ ސަބަބުން ރަންވޭއިން ހިލަތައް ނެއްޓި، އެތަކެތި ފްލައިޓުގެ އިންޖީނަށް ގޮސްގެން މައްސަލަތައް ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަމީން ވިދާޅުވެފައިވާ ގޮތުގައި ކޫއްޑޫ ރަންވޭއަށް ބޭނުންވަނީ ދާއިމީ ހައްލެއް ކަމަށެވެ. ނަމަވެސް އެ އެއާޕޯޓު އަލުން ހުޅުވީ، ރަންވޭ ވަގުތީ ގޮތުން މަރާމާތުކުރުމަށްފަހުއެވެ.
ކުއްޑޫ އެއާޕޯޓު އެންމެ ފުރަތަމަ ހުޅުވީ 2012 ވަނަ އަހަރުއެވެ. އޭގެ ފަހުން އެެ އެއާޕޯޓުގެ ރަންވޭ ވަނީ ބޮޑެތި ބޯޓުތަކަށް ޖެއްސޭ ގޮތަށް 2017 ވަނަ އަހަރު ބޮޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު