ތިލަމާލެ ބުރިޖު މަސައްކަތުގެ 45.82 ޕަސަންޓު ނިންމާފައިވާ ކަމަށާއި ތާވަލަށްވުރެ ދެ ޕަސަންޓުގެ ލަސްވުމެއް އުޅޭ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، މިފަދަ މާހައުލެއްގައި މަސައްކަތްކުރުމުގެ ތަޖުރިބާ ކޮންޓްރެކްޓަރުގެ ނެތުމުގެ ސަބަބުން ކޮންޓްރެކްޓަރަށް ދަތިތަކާ ކުރިމަތިވެފައި ހުރިކަން ކުރިން ވެސް ފާހަގަކުރައްވާފައިވާނެ ކަމަށާއި 16 ނޮވެމްބަރު 2023 ގައި ސޮއިކޮށްފައި އޮތް ސަޕްލިމެންޓަރީ އެގްރީމެންޓުގައިވާ 30 މަސް ދުވަހަކީ ޕްރޮޖެކްޓު ނިންމަން އެކަށީގެންވާ ވަގުތެއް ކަަމަށެވެ.
"ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބުރިޖުގެ މަސައްކަތުން ނިމިފައިވަނީ ޕްރިކާސްޓް ސެގްމަންޓުގެ 43.5 ޕަސަންޓު، ތަނބުތަކުގެ މަސައްކަތް 79.5 ޕަސަންޓު، ފައިލް ކެޕްގެ މަސައްކަތް 67.8 ޕަސަންޓު އަދި ޕިއާ ކޮމްޕެކްސް 62.2 ޕަސަންޓު. މުޅި މަޝްރޫއުގެ 45.82 ޕަސަންޓު ނިމިފައިވަނީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކަނޑުގަދަވުން ފަދަ ކަންތައްތަކާ ގުޅުވާލައިގެން ކޮންޓްރެކްޓަރުގެ ފަރާތުން ބައެއް ފަހަރު ސަބަބު ދައްކައިގެން ބައެއް މަސައްކަތްތައް ލަސްވާކަން ދައްކާ ކަމަށާއި މާބޮޑުތަނެއް ލަސްވި ކަމަށް ނުފެނުނު ނަމަވެސް، ބައެއް ކްރިޓިކަލް މަސައްކަތްތައް ބޭނުންވާ ސްޕީޑުގައި ކުރިއަށްނުދާ ކަމަށެވެ.
"އޭގެ ތެރޭގައި ޑީޕް ސީ ޕައިލިންގެ މަސައްކަތް އަޅުގަނޑުމެން އެންމެ ބޭނުންވާ ސްޕީޑެއްގައި ކުރިއަކަށް ނުދޭ. އެހެންވީމާ ކޮންޓްރެކްޓަރަށް އަޅުގަނޑުމެން މިހާރު ފާހަގަކޮށްފައިވާނެ އަޅުގަނޑުމެން ގަބޫލުނުކުރާކަން ކަނޑުގަދަވެގެން މި އަންނަ ކަމަކީ އެބޭފުޅުންނަށް ސަބަބެއްގެ ގޮތުގައި ދައްކައިގެން މަސައްކަތް ލަސްކުރުމަށް އިތުރު މުއްދަތެއް ހޯދުމަށް އޮތް ފުރުސަތެއް ކަމަކަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ކަނޑުގަދަވުމުގެ ސަބަބުން ނުވަތަ އެނޫން އެހެން ސަބަބަކާ ގުޅިގެން ވެސް މުއްދަތު އިތުރުކޮށްނުދެވޭނެ ކަމަށް ކޮންޓްރެކްޓުގައި ބުނާ ކަމަށާއި އަދިވެސް ޝެޑިއުލާ އެއްގޮތަށް ބުރިޖުގެ މަސައްކަތްތައް ނިންމައިލެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
މިދިޔަ އަހަރު ސޮއިކުރި ސަޕްލިމެންޓަރީ އެގްރީމެންޓުގައިވާ ގޮތުން މަސައްކަތް ނިންމަންޖެހޭ އާ ތާރީހަކީ 30 ސެޕްޓެމްބަރު 2026 އެވެ. އެގޮތުން ޕްރޮޖެކްޓުގެ ސެކްޝަން އޭ ކަމަށްވާ މާލެ އާއި ވިލިނގިލި ގުޅާލާ ބުރިޖުގެ މަސައްކަތް ނިންމަން ކަނޑައަޅާފައިވާ ތާރީހަކީ 31 މެއި 2026 އެވެ. ނަމަވެސް 31 ޑިސެމްބަރު 2025 އަށް އެ ބައި ނިންމުމަށް ކޮންޓްރެކްޓު ނުކޮށް، އަނގަ ބަހުން އެއްބަސްވެފައިވާ ކަމަށް މީގެ ކުރިން މިނިސްޓަރު މުއްތަލިބު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގައި އިންޑިއާއިން ހިންގާ އެންމެ ބޮޑު މަޝްރޫއު، ތިލަމާލެ ބުރިޖު މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެފްކޮންސްއާ އެކު ސޮއިކުރީ 2021 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. މިއީ އިންޑިއާ ސަރުކާރުގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އަދި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަޝްރޫއެކެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.
މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު