ރާއްޖޭގައި ތެޔޮ ވިއްކުމުގެ ވިޔަފާރިކުރާ ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓަކުން ވަގަށް ގިނަ އަދަދެއްގެ ސިނގިރޭޓް ރާއްޖެ އެތެރެކުރި މައްސަލައިގައި، ކ. ތިލަފުށީގައި ހުންނަ "ހޯކްސް ބޯޓްޔާޑް" ބަލައި ފާސްކުރަމުންދާ ކަމަށް ކަސްޓަމްސް އިން ބުނެފިއެވެ.
ކަސްޓަމްސް އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ އައި "އެމްޓީ ހޯކްސް ޖަވާހިރު" ބޯޓުން ގިނަ އަދަދެއްގެ ސިނގިރޭޓް އެތެރެކުރަން އުޅޭކަމުގެ މައުލޫމާތު މިދިޔަ ހުކުރު ދުވަހުގެ ރޭ ލިބުމާ ގުޅިގެން ހިންގުނު ހާއްސަ އޮޕަރޭޝަނެއްގައި އެތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.
އެ ބޯޓުން ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ލޯކަލް ދޯންޏެއް ކަމަށްވާ "ހޯކްސް ރޯދި" އަށް އަރުވައިގެން ތިލަފުއްޓަށް ގެންގޮސް، އެ ކުންފުނީގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ ޓްރެކަކަށް އެތަކެތި އަރުވައި ގެންގޮސް، ބޭލުމުގެ މަސައްކަތްކޮށްފައިވަނީ ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ބޯޓު ޔާޑަށް ކަމަށާއި އެތަކެތި ބޭލުމަށް މަސައްކަތްކޮށްފައިވަނީ ހުކުރު ދުވަހުގެ ރޭ 10:00 ހާއިރު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
"އެތަކެތި ބޭލުމަށް މަސައްކަތްކުރި ބޯޓު ޔާޑުގައި އިތުރު ސިނގިރޭޓް ހުރި ކަމަށް ޝައްކުކުރެވޭތީ ކޯޓު އަމުރެއްގެ ދަށުން މިހާރު ދަނީ އެތަން ބަލައި ފާސްކުރަމުންނެވެ. މިހާތަނަށް ހޯކްސް ބޯޓުޔާޑު ބަލައި ފާސްކުރި ކުރުމުން، އެތަނުގައި ހުރި އެކޮމޮޑޭޝަނުންނާއި ވޯކްޝޮޕުން މެންޗެސްޓާ ބްރޭންޑުގެ ސިނގިރޭޓު (ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް) ވަނީ ފެނިފައެވެ. މި ސިނގިރޭޓުތައް މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ..،" ކަސްޓަމްސްގެ ބަޔާނުގައި ބުންޏެވެ.
ކަސްޓަމްސް އިން އިތުރަށް ބުނީ އެއީ ރާއްޖެއިން ސިއްރުން މުދާ އެތެރެކުރަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމަށްވާތީ، އެ މައްސަލައިގެ ތަހުގީގު އެ އިދާރާއިން ފަށާފައިވާ ކަމަށާއި ރާއްޖެއަށް އެތެރެކުރެވޭ މުދަލުގެ ލިޔެކިޔުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މަރުހަލާތަކުގައި ކަސްޓަމްސްއަށް ލިބޭ އިންޓެލިޖެންސް މައުލޫމާތާއި އެ އިދާރާގެ ހިރާސް ނިޒާމުގެ ތެރެއިން ކަނޑައެޅޭ ގޮތެއްގެ މަތިން އަމަލުކުރާނެ ކަމަށެވެ.
އެތެރެކުރި ސިނގިރޭޓުގެ ޓެކްސް، މިހާރު އަމަލުކުރާ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން ފަސް މިލިއަން ރުފިޔާއަށް އަރާނެއެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އެ ގާނޫނުގެ އިސްލާހުގައިވާ ރޭޓުން ނަމަ، އެއީ 13.5 މިލިއަން ރުފިޔާގެ ޓެކްސްއެވެ.
އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ސިނގިރޭޓުންނާއި ބިޑިން ޑިއުޓީ ބޮޑުކުރަނީ 50 ޕަސަންޓުންނެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އެ ބިލު މިހާރު ކޮމިޓީގެ މަރުހަލާގައި އޮތް އިރު، އެ ބިލު ފާސްކޮށް ގާނޫނަށް އަމަލުކުރަން ހުށަހަޅާފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު