ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑުގެ ބޯޓަކުން ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓޫނުތަކެއް ހިފަހައްޓައިފިއެވެ.

"ވަން"އަށް ކަށަވަރުވެފައިވާ ގޮތުގައި ހޯކްސްގެ ބޯޓަކުން ގެނައި 2000 ކާޓޫނަށްވުރެ ގިނަ ސިނގިރޭޓް، ކަސްޓަމްސް އިން ހިފަހައްޓާފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައި ކ. ތިލަފުށިންނެވެ. ކަސްޓަމްސް އިން އަދިވެސް އަންނަނީ އެތަކެތި ބަލައި ފާސްކުރަމުންނެވެ.

ރާއްޖޭގައި ތެޔޮ ވިއްކުމުގެ ވިޔަފާރިކުރާ ހޯކްސްގެ ބޯޓަކުން ގިނަ އަދަދަކަށް ސިނގިރޭޓް އެތެރެކުރުމުން، ކަސްޓަމްސް އިން އެތަކެތި ހިފަހައްޓާފައިވަނީ، އޮޅުވާލައިގެން ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކުރުމުންނެވެ.

ކަސްޓަމްސްގެ މީޑިއާ އިން މިރޭ ބުނީ، ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނީ ގާތްގަނޑަކަށް 1.695 މިލިއަން ސިނގިރޭޓް ސްޓިކްސް ކަމަށެވެ.

މިހާރު އަމަލުކުރާ އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނުގެ ދަށުން އެއީ ފަސް މިލިއަން ރުފިޔާގެ ޓެކްސްއެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި އޮތް އެ ގާނޫނުގެ އިސްލާހުގައިވާ ރޭޓުން ނަމަ، އެއީ 13.5 މިލިއަން ރުފިޔާގެ ޓެކްސްއެވެ.

އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައިވާ ގޮތުން، ސިނގިރޭޓުންނާއި ބިޑިން ޑިއުޓީ ބޮޑުކުރަނީ 50 ޕަސަންޓުންނެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އެ ބިލު މިހާރު ކޮމިޓީގެ މަރުހަލާގައި އޮތް އިރު، އެ ބިލު ފާސްކޮށް ގާނޫނަށް އަމަލުކުރަން ހުށަހަޅާފައިވަނީ އަންނަ މަހުގެ އެކަކުން ފެށިގެންނެވެ.