ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމަނައިގެން އެ ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން މިއަދު އިފުތިތާހުކޮށްފިއެވެ.
އެ ޕްލޭން އިފުތިތާހުކޮށްދެއްވީ އެކަމަށްޓަކައި ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު، ހުސައިން ފަހުމީއެވެ.
ސްޓެލްކޯ އިން ބުނީ، އެ ޕްލޭނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގައުމަށާއި ޔުޓިލިޓީ ހިދުމަތްތަކުގެ ސިނާއަތްތަކަށް ކަނޑައަޅުއްވާފައިވާ ހަރުދަނާ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތީން، ފަހުމީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއަށް އަންނަމުންދާ ތަރައްގީއާއި ތަހުޒީބާއި ކުރިއެރުންތަކާ އެއްހަމައަކަށް ކަރަންޓާއި ފެނާއި ނަރުދަމާގެ ސިނާއަތް ގެންދިއުމަށް ކުރެވެން ހުރީ ކޮން މަސައްކަތްތަކެއްތޯ ބައްލަވައި، އެ މަސައްކަތްތައް ބާރު ސްޕީޑެއްގައި ކުރެވިގެންދާނެ މަގުކޮށުމަށް ފެއްޓެވި މަސައްކަތުގެ ތެރެއިން، ކުންފުނީގެ ބޯޑުގެ ހަރުދަނާ ލަފަޔާއި އިރުޝާދާއި އެކުގައި ތައްޔާރުކޮށްފައިވާ ޕްލޭނެއް ކަމަށެވެ.
އެގޮތުން އެ ޕްލޭން އެކުލަވާލުމުގައި އަސާސްތަކެއްގެ ގޮތުގައި ބަލާފައިވަނީ ހިދުމަތުގެ ކުރިއެރުމާއި ދެމެހެއްޓެނިވިކަން ކަށަވަރުކުރުމާއެކު، ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ކަށަވަރުކުރުން ކަމަށްވެސް ސްޓެލްކޯ އިން ބުންޏެވެ.
ސްޓެލްކޯ އިން ބުނީ އެ މަސައްކަތުގެ ތެރެއިން ކުންފުނި ހިންގުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާ އިސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމަށްފަހު ކުންފުނީގެ މިޑްލް މެނޭޖުމަންޓުގައި ހިމެނޭ ޔުނިޓް ހެޑުންނާއި އެ މުވައްޒަފުންގެ ދަށުން މަސައްކަތްކުރާ ޓީމުތަކުގެ ހިޔާލާ އެއްގޮތަށް ޑިޕާޓްމަންޓުތައް ހިންގުމުގެ ޕްލޭންތައް އެކުލަވާލައި އެ ޕްލޭންގައި ހިމަނާފައިވާނެ ކަމަށެވެ.
ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި އެކުލަވާލެވިފައިވާ ފްރޭމްވޯކުގައި ފަސް ސްޓްރެޓިޖިކް އޮބްޖެކްޓިވް، 19 ސްޓްރެޓިޖިކް ގޯލް، 55 ޓާގެޓް އަދި 96 އެކްޝަން ކަނޑައެޅިފައިވާ އިރު، އެ ޕްލޭންގައި ކޮންމެ ޑިޕާޓްމަންޓަކަށްވެސް އެކްޝަންތަކަކާއި ޓާގެޓްތަކެއް ކަނޑައެޅި، އެ ޓާގެޓްތައް ހާސިލުވޭތޯ މޮނިޓާކުރެވޭނެ ނިޒާމެއް ގާއިމުކޮށްފައިވާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
ފަހުމީ ވިދާޅުވީ، ޒަމާނީ ވިސްނުމާއެކު ތައުލީމީ ޒުވާނުން މި ތައްޔާރުކުރި އެކްޝަން ޕްލޭނަކީ މުސްތަގުބަލު ކަނޑައެޅުމުގެ ހަރުދަނާ ބިންގަލެއް ކަމަށެވެ. އަދި އެފަދަ ޕްލޭނެއް އޮތުމުން ކުންފުނި ހިންގުމަށް އިތުރަށް ފަސޭހަވެ، ކުންފުނީގެ ހުރިހާ ދާއިރާއަކުންވެސް އެއް އަމާޒަކަށް މަސައްކަތް ކުރެވި، ހިންގުން ހަރުދަނާކުރެވި، ކުންފުނީގެ މާލިއްޔާ އިން ކުރެވޭ ހަރަދުތަކަކީ ކުންފުނިން އެކަށައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވުމަށް މަގުފަހިވެގެންދާ ގޮތަށް ކުރެވޭ ހަރަދުތަކެއް ކަމުގައި ވެގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ އެ ޕްލޭން އާއެކު ސްޓެލްކޯ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތި ކުރެވި، ރައްޔިތުންނާއި ކުންފުންޏާ ދެމުދު އޮންނަ އިތުބާރާއި ގުޅުން އިތުރަށް ރަނގަޅު ކުރެވިގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު