ގެދޮރު ހަދަން ދޭ ލުއި ލޯން ޕްރޮގްރާމް، "ހިޔާވަހި ފައިނޭންސް ސްކީމް"ގެ ދަށުން ހުޅުވާލާ ޕްރޮގްރާމްތަކަށް ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު ހުޅުވައިލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ސްކީމުގެ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފެވެ.

ހިޔާވަހި ފައިނޭންސިން ސްކީމަކީ ގެދޮރު ހަދަން ބޭނުންވެފައިވާ މީހުންނަށް މާލީ އެހީތެރިކަން ދިނުމަށް ސަރުކާރުން ފަށަން ނިންމާފައިވާ ސްކީމެކެވެ. ފަސް ޕެސެންޓުގެ އިންޓްރެސްޓް ރޭޓުގައި ދޭ އެ ލޯނު އަނބުރާ ދެއްކުމަށް 25 އަހަރު ލިބޭނެއެވެ.

އެ ސްކީމްގެ ތެރެއިން ލޯނު ދޫކުރެވޭނީ ކޮންމެ މީހެއްގެވެސް ފުރަތަމަ ގެ ހެދުމަށް އަދި ހަދަން ފަށާފައި ހުރި ގެއެއް ނިންމަން ލޯނު ދޫކުރާނެއެވެ.

ހިޔާވަހި ފައިނޭންސިން ސްކީމުގެ ދެ ޕާޓުނަރުންނާއެކު މީގެ ކުރިން ވަނީ ސޮއިކޮށްފައެވެ. އެއީ މޯލްޑިވްސް އިސްލާމިކް ބޭންކް އަދި ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އެވެ.