ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ނަގައިފައިވާ ލޯނަކަށް ރަހުނުކޮށްފައިވާ ހުޅުމާލޭގެ "އޯކިޑް ހިޔާ" އިމާރާތާއި ގޯތި ނީލަމުގައި ވިއްކާލުމަށް ނިންމައިފިއެވެ.

އޯކިޑް ހިޔާ ގޯތީގެ ބޮޑުމިނަކީ 1،951 އަކަފޫޓު ކަމަށެވެ. އެ ގޯއްޗަކީ މއ. ޗަންފާމާގެ ހަދީޒާ އަބްދުއްސައްތާރު އަދި ފަދްތަރު ނަންބަރު 3290، ޖަމީލް އުސްމާންގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގޯއްޗެކެވެ.

ޖަމީލް އުސްމާނަކީ ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރެވެ.

އެޗްޑީއެފްސީން މިއަދު ގެޒެޓުގައި ކުރި އިއުލާނެއްގައި ބުނީ ސިވިލް ކޯޓުގެ ހުކުމެއްގެ ދަށުން އެ ގޯތި ވިއްކާލުމުގެ ހުއްދަ އެޗްޑީއެފްސީއަށް ދީފައިވާ ކަމަށެވެ.

އެ އިއުލާނުގައި ބުނީ އެ ގެ ގަތުމަށް ހުށަހެޅޭނެ އެންމެ ދަށް އަގަކީ 25.7 މިލިއަން ރުފިޔާ ކަމަށެވެ. ގޯތި ގަތުމަށް ނީލަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މަހުގެ 14 ގެ ނިޔަލަށް ހުޅުވައިފައިވާ ކަމަށް އެޗްޑީއެފްސީން ބުންޏެވެ.

އެހެންކަމުން އޯކިޑް ހިޔާ ގަތުމަށް ބޭނުންވާ ފަރާތްތަކުން ސިޓީއުރައެއްގައި، އަގު ސާފުކޮށް ބަޔާންކުރުމަށްފަހު އަދި ސިޓީއުރައިގެ ބޭރުގައި "ހުޅުމާލެ ގޯތި ނަންބަރު 10718 (އޯކިޑް ހިޔާ) އެވެ ކިޔާ އިމާރާތާއި ގޯތި ގަތުމަށް އެދި" ލިޔެފައި އެޗްޑީއެފްސީއަށް ފޮނުވުމަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ގޯތި ގަތުމަށް އަގު ހުށަހަޅަނީ އަމިއްލަ ފަރާތަކުން ކަމުގައިވާ ނަމަ، ގުޅޭނެ ފޯނު ނަންބަރާއި އައިޑީ ކާޑު ސިޓީއާ އެކު ކަމަށް އެޗްޑީއެފްސީން ބުންޏެވެ، ކުންފުންޏަކުން އެ ގޯތި ގަންނަން ބޭނުންވާނަމަ ކުންފުނީގެ ރަޖިސްޓްރޭޝަން ކޮޕީ، ނީލަމާ ގުޅިގެން މުއާމަލާތް ކުރާނެ ފަރާތެއް އައްޔަންކޮށްފައިވާ ކުންފުނީގެ ގަރާރު، ކުންފުނީގެ މެމޮރެންޑަމް އަދި އާޓިކަލް އޮފް އެސޯސިއޭޝަން ހުށަހަޅަން ވާނެ ކަމަށެވެ.

"ކޮންމެ ދުވަހެއްގެ އެންމެ މަތީ އަގު މިކުންފުނީގެ ވެބްސައިޓް (www.hdfc.com.mv) ގައި އިއުލާންކުރެވި، މިކުންފުނީގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. ނީލަން ނިންމާލެވޭނީ ވިދިވިދިގެން ތިން ދުވަހު (ރަސްމީ ބަންދު ދުވަސްތައް ނުހިމަނައި) އެއް އަގެއްގައި އޮތުމުންނެވެ. އެފަރާތަކަށް ނީލަން ނިންމުމަށް މިކުންފުނިން ކަނޑައަޅައިފިކަން އަންގާ ތާރީހުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެފަރާތަކުން ހުށަހެޅި އަގަށްވާ ފައިސާ މިކުންފުންޏަށް ނުދައްކައިފިނަމަ އެހުށަހެޅުން ބާތިލް ކޮށް ދެވަނައަށް އެންމެ މަތީ އަގު ހުށަހެޅި ފަރާތަށް ނީލަން ނިންމާލުމުގެ ނުވަތަ ނީލަން ބާތިލްކޮށް، އަލުން ފެށުމުގެ ހައްގު މިކުންފުންޏަށް ލިބިގެންވެއެވެ." އެޗްޑީއެފްސީން ބުންޏެވެ.

ވަކިފަރާތަކަށް ނީލަން ނިންމުމަށް ކަނޑައަޅައިފިކަން ރަސްމީކޮށް އެފަރާތަކަށް އެންގުމުގެ ކުރިން ނީލަން ބާތިލްކުރުމުގެ އިހްތިޔާރު އެޗްޑީއެފްސީއަށް ލިބިގެންވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

އޯކިޑް ހިޔާ ގަތުމަށް ވަކި ފަރާތަކުން ފައިސާ ދެއްކުމުގެ ކުރިން އިމާރާތުގެ ވެރިފަރާތުން މިކުންފުނިން ނަގާފައިވާ ލޯނުތަކަށް ނުދެއްކެވާ ފައިސާ ދައްކަން ބޭނުންވާނަމަ، އެފަރާތަށް އިސްކަންދޭނެ ކަމަށް އެޗްޑީއެފްސީން ބުންޏެވެ.