ހުޅުމާލޭގައި ހަދާ ބުޅާ ފެސިލިޓީތަކަށް ގެންދާ ބުޅާތަކަށް ފަރުވާދިނުމަށް ޑޮކްޓަރަކާއި ވެޓެރިނަރީ ނަރުހުން ހޯދަން މާލެސިޓީ ކައުންސިލުން އިއުލާނު ކޮށްފިއެވެ.

ހުޅުމާލެ ފޭސް ދޭއްގައި މި އަހަރުގެ މާޗް މަހު ހަދަން ފެށި ބުޅާ ފެސިލިޓީ އަންނަ މަހު ހުޅުވައި ބޭނުން ކުރެވޭނެ ކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ފެސިލިޓީއަށް ގެންދާ ބުޅާތަކަށް ފަރުވާދިނުމަށް ޑޮކްޓަރަކާއި ދެ ނަރުހުން ބޭނުންވާ ކަމަށެވެ.

ވެޓެރިނޭރިއަން އެއް ހޯދަން އިއުލާންކޮށްފައި ވަނީ 35،000 ރުފިޔާ އަށެވެ. އަދި ވެޓެރިނަރީ ނަރުހުންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައި ވަނީ 8،130 ރުފިޔާއެވެ. އޭގެ އިތުރުން މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ސާވިސް އެލަވަންސްގެ ގޮތުގައި 100 ރުފިޔާ ކަނޑައަޅާފައިވާ އިރު، އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، މުސާރައިގެ 35 ޕަސެންޓު ލިބޭނެއެވެ.

ވެޓުންނާއި ނަރުހުންގެ މައިގަނޑު ޒިންމާއަކީ، ސިއްހީ އެހީތެރިކަމާއި ސާޖިކަލް އަދި ކްލިނިކަލް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

އެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 29 ވަނަ ދުވަހުގެ ރަސްމީ ގަނޑި ނިމުމުގެ ކުރިން ވަޒީފާއަށް އެދޭ ފިޒްކަލް ފޯމު ފުރިހަމަކޮށް، ހ.ހުޅުގަލި، 03 ވަނަ ފަންގިފިލާގައި ހުންނަ ސިޓީ ކައުންސިލްގެ އިދާރާއަށް ހުށަހަޅަން އެދިފައިވެއެވެ. އޮންލައިންކޮށް އެ ވަޒީފާތަކަށް ފޯމު ހުށަނޭޅޭނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ބުޅާ ފެސިލިޓީ ހަދަނީ ފަރުކޮޅުފުށި ސަރަހައްދުން 5،000 އަކަފޫޓުގެ ބޮޑު ބިމެއްގައެވެ.