ކޮމަންވެލްތުން 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމުގެ ކޯޗެއާއެއްގެ ގޮތުގައި ރާއްޖެ ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނި ގޮތުގައި ރާއްޖެ، ކޯ-ޗެއާއެއްގެ ގޮތުގައި ހަމަޖެހި، އެކަން އިއުލާންކޮށްފައިވަނީ ސަމޯއާގެ އަޕިއާގައި މިއަދު ބޭއްވުނު ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ކަމަށެވެ.

އެ މިނިސްޓްރީން ބުނި ގޮތުގައި، 2026 ވަނަ އަހަރު ބާއްވާ މި ބައްދަލުވުމުގައި ރާއްޖެއާ އެކު ކޯޗެއާކަން ކުރާނީ އެ އަހަރު ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ގައުމާއެކުގައި ކަމަށެވެ. މި ބައްދަލުވުމުގެ ކޯޗެއާއެއްގެ ގޮތުގައި ރާއްޖެއިން މަސައްކަތް ކުރާނީ ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ކަމަށްވެސް ބުންޏެވެ.

ފޮރިން މިނިސްޓްރީން އިތުރަށް ބުނި ގޮތުގައި ރާއްޖެއަށް މި ފުރުސަތު ލިބުމަކީ ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި ކުދި ގައުމުތަކުގެ މަސްލަހަތު ކުރިއެރުވުމަށް ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

ކޮމަންވެލްތުގެ ކުދި ގައުމުތަކުގެ ވަޒީރުންގެ ބައްދަލުވުމަކީ ކޮމަންވެލްތުގައި ހިމެނޭ 33 ކުދި ގައުމަށް ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ކޮމަންވެލްތުގެ ގައުމުތަކުގެ ހާރިޖީ ވަޒީރުންގެ މެދުގައި ބާއްވާ ބައްދަލުވުމެކެވެ. މި އަހަރުގެ މި ބައްދަލުވުމުގެ ކޯޗެއާކަން ކޮށްފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން ކުރިއަށްދާ ސަމޯއާގެ އިތުރުން އެސްވާޓިނީއެވެ.